ލެމީން ޔަމާލްގެ މޮޅު ކުޅުމާއިއެކު ބާސެލޯނާއިން އައު ސީޒަންގެ މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފިއެވެ.
ސްޕެނިޝް ލަލީގާގައި ރޭ ރަށުން ބޭރުގައި ބާސާއިން ވަނީ 4-1 ގެ ނަތީޖާއިން ޖިރޯނާ ބަލިކޮށްފައެވެ. ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް ބާސާ ވަނީ މޮޅުވެފައެވެ. ޕޮއިންޓް ތާވަލުގެ އެއްވަނާގައި އެ ޓީމް މިވަގުތު އޮތީ 15 ޕޮއިންޓާއި އެކުއެވެ. ދެވަނާގައި އޮތް ރެއާލަށް 5 މެޗުން ލިބިފައި ވަނީ 11 ޕޮއިންޓެވެ.
ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބާސާއިން ރޭ މެޗުގައި ވެސް ވަނީ މޮޅަށް ކުޅެފައެވެ. މިގޮތުން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ލީޑަކާއި އެކުއެވެ. ފުރަތަމަ ހާފުގައި ބާސާއަށް ދެ ލަނޑު ވެސް ޖަހައިދިނީ ލެމީން ޔަމާލް އެވެ. ފުރަތަމަ ލަނޑު 30 ވަނަ މިނެޓުގައި ޖެހިއިރު އޭގެ ހަތް މިނެޓް ފަހުން ދެވަނަ ލަނޑު ޖެހީ ލެވަންޑޯސްކީގެ އެހީތެރިކަމާއި އެކުއެވެ.
ދެވަނަ ހާފުގެ ދެވަނަ މިނެޓުގައި ބާސާއަށް ތިންވަނަ ލަނޑު ޖަހައިދިނީ ޑެނީ އޮލްމޯއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ކޫންޑޭގެ އެހީތެރިކަމާއި އެކުއެވެ. އެ ޓީމްގެ ހަތަރުވަނަ ލަނޑު 64 ވަނަ މިނެޓުގައި ޖަހައިދިނީ ޕެޑްރީއެވެ. މެޗުގެ 69 ވަނަ މިނެޓުގައި ކުޅެން ނުކުތް ބާސާގެ ފޯވާޑް ފެރާން ޓޯރޭސްއަށް 86 ވަނަ މިނެޓުގައި ރަތްކާޑު ދެއްކުމުން ބާސާއިން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. ޖިރޯނާގެ ހަމައެކަނި ލަނޑު 80 ވަނަ މިނެޓުގައި ޖަހައިދިނީ ސްޓުއާނީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!