ކިލިއަން އެމްބާޕޭއާއި ވިނީސިއަސް ޖޫނިއާގެ ލަނޑުތަކުން ރެއާލް ސޮސިއެޑާޑް އަތުން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.

ސްޕެނިޝް ލަލީގާގައި ރޭ ރަށުން ބޭރުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ.

Ad
rt

މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް ދެ ޓީމްގެ ފަރާތުން ވަނީ އެޓޭކްތަކެއް ފެނިގެން ގޮސްފައެވެ. މިގޮތުން ސޮސޮއެޑާޑުން ފޮނުވާލި ދެ ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވީއިރު، އަރިމަތިން ވަދެ އެމްބާޕޭ ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލާއި އަމާޒު ނުވެއެވެ.

ރޭ މެޗުގެ ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި ރެއާލުގެ ބްރަހިމް ޑިއާޒްއަށް އަނިޔާވެ ބަދަލުކުރަން ޖެހުނުއިރު، އެ ޓީމްގެ ގިނަ ކުޅުންތެރިންތަކެއް މިވަގުތު ތިބީ އަނިޔާގައެވެ. އަނިޔާގައި ތިބި ކުޅުންތެރިންގެ ތެރޭގައި ޖޫޑް ބެލިންހަމް، އަލަބާ، ޗުއަމެނީގެ އިތުރުން އެޑުއާޑޯ ކަމަވިންގާ ހިމެނެއެވެ.

މެޗުގައި ރެއާލުން ފުރަތަމަ ލަނޑު ޖެހީ 58 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ވިނީސިއަސް އެވެ. މި ޕެނަލްޓީ ރެއާލަށް ލިބިފައިވަނީ އާދާ ގުލާ ފޮނުވާލި ބާރު ހަމަލާ ސޮސޮއެޑާޑްގެ އޭރިއާ ތެރެއިން އެ ޓީމްގެ ސާޖިއޯ ގޮމޭޒް އަތުގައި ޖެހުމުންނެވެ.

މެޗުގެ ދެވަނަ ލަނޑު ވެސް ރެއާލުން ޖަހާފައި ވަނީ ލިބުނު ޕެނަލްޓީއަކުންނެވެ. މެޗުގެ 75 ވަނަ މިނެޓުގައި ސޮސިއެޑާޑްގެ އޭރިއާ ތެރެއިން ވިނީއަށް ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީ ކާމިޔާބު ކޮށްދިނީ އެމްބާޕޭއެވެ. މިއީ އޭނާ ރެއާލަށް ލީގުގައި ޖަހައިދިން ތިންވަނަ ލަނޑެވެ.

ލީގުގެ އެއްވަނާގައި މިވަގުތު އޮތީ ބާސެލޯނާއެވެ. އެ ޓީމަށް 4 މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، ރެއާލް ދެވަނާގައި އޮތީ 5 މެޗުން ލިބުނު 11 ޕޮއިންޓާއި އެކުއެވެ.

ލީގުގައި މިރޭ ބާސާ ނުކުންނާނީ ޖިރޯނާއާއި ދެކޮޅަށެވެ. މި މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 19:15 ގައެވެ. މިދިޔަ ސީޒަންގައި ޖިރޯނާ އަތުން ބާސާ ވަނީ ލީގުގައި ކުޅުނު ދެ މެޗުން ވެސް ބަލިވެފައެވެ.