ގދ. ތިނަދޫ ސިޓީއަށް އައު ފެން ޕްލާންޓެއް ހޯދުމުގައި ޢަމަލުކޮށްފައިވާނީ ކުންފުނީގެ އުސޫލުގެ ތެރެއިން އިޖުރާޢަތްތައް ފުރިހަމަކޮށްގެން ކަމަށާއި، އެކަމާއި ގުޅިގެން ފަތުރަނީ އަސްލެއް ނެތް ދޮގެއްކަމަށް ފެނަކައިން ބުނެފިއެވެ.

ފެނަކައިން މިރޭ އާންމުކުރި ނޫސްބަޔާނެއްގައި ބުނީ، އަވަސް އަރުވާލައިގެން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ތިނަދޫ ސިޓީއަށް ފެން ޕްލާންޓެއް ހޯދިކަމަށް ބުނެ ފަތުރަމުންދާ ޚަބަރަކީ ދޮގެއް ކަމަށެވެ. އަދި އެއީ އެކުންފުނީގެ މެނޭޖްމަންޓާއި މެދު ވަކި ތަސައްވުރެއް އުފެއްދުމުގެ ބޭނުމުގައި ދޮގު މަޢުލޫމާތު ހިމަނައިގެން ފަތުރަމުންދާ ޙަޤީޤަތާއި ޚިލާފް ޚަބަރެއްކަމަށް ވެސް ފެނަކައިން ވަނީ ބުނެފައެވެ.

Ad
rt

އެކަން ހިނގިގޮތް ފެނަކައިން މި ނޫސްބަޔާނުގައި ސާފުކޮށްދީފައިވާއިރު، ފެނަކައިން ބުނީ އައު މެނޭޖްމަންޓާއި ކުންފުނި ހަވާލުވިއިރު ކުންފުނިން ދެމުންދާ ކަރަންޓާއި، ފެނާއި، ނަރުދަމާގެ ޙާލަތު އޮތީ ވަރަށް ދަށްކޮށް ކަމަށެވެ. އެހެންކަމުން އެ ކުންފުނިން ޚިދުމަތްދޭ ހަތް ރަށެއްގެ ހާލަތު އޮތީ ވަރަށް ދަށްކޮށްކަމުން، ޚިދުމަތް ދިނުމުގައި އެރަށްތައް އިސްކުރާނެކަން މިދިޔަ އޯގަސްޓްމަހު އެކުންފުނިން ހާމަކޮށްފައިވާނެކަމަށް ނޫސްބަޔާނުގައި ވެއެވެ.

އެ ރަށްތަކުގެ ތެރެއިން، އާބާދީގެ ޑިމާންޑާއި އެއްވަރަށް ފެން ފޯރުކޮށްދިނުމުގައި އެންމެބޮޑު ދަތިކަމެއް ކުރިމަތިވެފައި އޮތް އެއް ރަށަކީ ބޮޑު އާބާދީއެއް އޮންނަ ތިނަދޫ ސިޓީކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

''މިހާރު އެ ސިޓީގައި ޚިދުމަތްދޭ ޕްލާންޓުން އެކަނި ޚިދުމަތްދޭން ޖެހުމުގެ ސަބަބުން ޚިދުމަތް މެދުކެނޑި، ފާއިތުވި ދެ މަސްތެރޭ ތިން ފަހަރަށް އަމިއްލަ ފަރާތަކުން ފެން ހޯދަން ޖެހިފަވެއެވެ. މިގޮތަށް އަމިއްލަ ފަރާތަކުން ފެން ހޯދާއިރު ކުންފުނިން އެތައް ގުނަ ބޮޑު ޚަރަދެއް ކުރަން ޖެހެއެވެ. އެގޮތުން ފާއިތުވި ދެ މަސްތެރޭ ތިނަދޫ ސިޓީއަށް 4.5 މިލިއަން ރުފިޔާގެ ފެން ފޯރުކޮށްދޭން ޖެހުނެވެ.'' ފެނަކައިގެ ބަޔާނުގައި ވެއެވެ.

އެ ސިޓީގެ ފެނުގެ ޚިދުމަތަށް ބުރޫއަރާކޮންމެ ފަހަރަކު ރައްޔިތުން އެތައް ތަކުލީފެއް ތަހައްމަލުކުރަންޖެހޭ ކަމަށާއި، އެ ސިޓީގެ ފެނުގެ ކެޕޭސިޓީ މިހާރުން މިހާރަށް ވެސް އިތުރު ނުކުރެވިއްޖެނަމަ ކޮންމެ މަހަކުވެސް ފެނުގެ ޚިދުމަތުގެ ދަތިކަން އެރަށުގެ ރައްޔިތުންނަށް ކުރިމަތިވާނެކަމަށް ފެނަކައިން ބުނެފަވެއެވެ.

އެހެންކަމުން މި މައްސަލައަށް ހައްލެއް ހޯދައިދިނުމަށް އެ ކުންފުނިން އެމްޑަބްލިޔުއެސްސީއަށާއި ސްޓެލްކޯއަށް ވެސް ހުށަހެޅިކަމަށާއި، އެ ހުށަހެޅުމާއި ގުޅިގެން އެކަމަށް ފަސް ހަފުތާ ހޭދަވާނެކަމަށް އެމްޑަބްލިޔުއެސްސީއިން ބުނިއިރު، ސްޓެލްކޯއަށް 180 ދުވަސް ބޭނުންވާކަމަށް ބުނެފައިވާކަމަށް ފެނަކައިގެ ބަޔާނުގައި ވެއެވެ.

''އެ ދެކުންފުނިން އެގޮތަށް އެންގުމުން މި ކުންފުނީގެ ވެންޑަރުންގެ ތެރެއިން މި ޚިދުމަތްދޭ އަމިއްލަ ހުރިހާ ކުންފުންޏަކަށް އާރުއެފްކިޔު ކުރެވުނެވެ. މިގޮތަށް ދެ ފަހަރު ފުރުސަތު ދިނުމުން ވެސް މިކަމަށް އެދި ކޯޓޭޝަން ހުށަހެޅީ އެންމެ ކުންފުންޏަކުންނެވެ.'' ފެނަކައިން ބުނެފަވެއެވެ.

ފެނަކައިން ބުނީ އެ ކުންފުނި ހުށަހެޅި އަގު ކުޑަކުރުމަށް މަޝްވަރާކޮށް، އެ ކުންފުނިން ހުށަހެޅި އަގު ވެސް ކުޑަކޮށްފައިވާނެ ކަމަށެވެ.

''މި ފެން ޕްލާންޓް ހޯދުމުގައި ޢަމަލުކޮށްފައި ވާނީ މި ކުންފުނީގެ ޕްރޮކިއުމަންޓް އުސޫލުގެ ތެރެއިން، ކަނޑައެޅިފައިވާ އިޖުރާޢާތްތައް ފުރިހަމަވެގެންކަމުގައި ދަންނަވަމެވެ. މި ފެން ޕްލާންޓް އިންސްޓޯލް ކުރެވޭނީ އޭގައި ހިމެނެންޖެހޭ ހުރިހާ ބައިތަކެއް ހިމެނިގެން ކަމަށް ވެސް ދަންނަވަމެވެ.'' ފެނަކައިން ބުނެފަވެއެވެ.

ފެނަކައިން ބުނީ އައު ޕްލާންޓް އިންސްޓޯލް ކުރުމުން ތިނަދޫ ސިޓީގައި 600 ޓަނު ފެން އުފެއްދުމުގެ ޤާބިލުކަން ލިބިގެން ދާނެކަމަށެވެ.

ފެނަކައިން ބުނީ، މިފަދަ އަސްލެއްނެތް ދޮގު ޚަބަރު ފަތުރަނީ ވަކި ބަޔަކު އަޑީގައިތިބެ، ކުންފުނީގެ މެނޭޖްމަންޓްގެ އަގު ވައްޓާލުމަށް ކަމަށެވެ. ސިޔާސީ ފަރާތްތަކުން ރަށުތެރޭގައި ހަލަބޮލިކަން އުފައްދައި، ޚިދުމަތަށް ބުރޫއަރާގޮތަށް ޢަމަލުކުރިނަމަވެސް، އެފަރާތްތަކުން ތިނަދޫ ހުއްޓުމަކަށް ގެނައުމަށް ކުރާ މަސަައްކަތް ކާމިޔާބުވިޔަ ނުދީ، ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް ފެނަކައިން ބުނެފަވެއެވެ.

ފެނަކައިން ވަނީ އެ ކުންފުންޏާމެދު ރައްޔިތުންގެ އިތުބާރަށް ބުރޫއަރާފަދަ ޚަބަރުތައް ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން އެކުންފުންޏަށް ދިމާވެފައިވާ މާލީ ހާލަތާއެކުވެސް އެކުންފުނިން ދެމުންދާ އަސާސީ ޚިދުމަތްތަކަށް އެއްވެސް މަޑުޖެހުމެއް ނާންނާނެކަމުގެ ޔަޤީންކަން ދޭކަމަށް ވެސް ފެނަކައިގެ ބަޔާނުގައި ބުނެފަވެއެވެ.