ވިއެޓްނާމްގެ ވެރިރަށް ހަނޮއިގައި ފެންބޮޑުވެ 179 މީހުން މަރުވެއްޖެކަމަށް ރޮއިޓާސް އިން ރިޕޯޓްކޮށްފިއެވެ.

އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ވިއެޓްނާމްގެ ވެރިރަށް ހަނޮއިގައި ފެން ބޮޑުވެ، އެ ސަރަހައްދުގައި ދިރިއުޅޭ އެތައްހާސް މީހުން ސަލާމަތްކުރަން ވަނީ ޖެހިފައެވެ. މިއީ ފާއިތުވި 20 އަހަރު ތެރޭގައި އެންމެ ބޮޑަށް ފެން ބޮޑުވި ފަހަރެވެ. މި ހާދިސާ ދިމާވެފައިވަނީ ޓައިފޫން ޔާގީ އެގައުމުގެ އުތުރުގެ ސަރަޙައްދު ތަކަށް އެރުމުގެ ސަބަބުންނެވެ.

Ad
rt

އޭޝިއާއަށް މިއަހަރުގެ މިހާތަނަށް އެރި އެންމެ ގަދަ ތޫފޫނަކީ ޔާގީއެވެ. މި ތޫފޫނުގެ ސަބަބުން ގަދަ ވައި ޖެހި، ބޯކޮށް ވާރޭ ވެހުނެވެ. އަދި ހޮނިހިރު ދުވަހު އެއްގަމަށް އެރުމަށްފަހު ހުޅަނގަށް ދަތުރުކުރަމުން ދިޔައިރު، ބްރިޖެއް ވެސް ވަނީ ވެއްޓިފައެވެ. މި ތޫފޫނާއި އޭގެ ސަބަބުން ކުރިމަތިވި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކާއި އަދި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 179 މީހުން މަރުވެ، 145 މީހުން ގެއްލިފައިވާ ކަމަށް ސަރުކާރުން ލަފާކުރެއެވެ.

ރެޑް ރިވަރުގެ އައްސޭރިފަށުގައި ދިރިއުޅޭ 56 އަހަރުގެ ގުޔެން ވަން ހަންގް ބުނީ އޭނާގެ ގެ މިހާރު ވަނީ ކޯރުގެ ބައެއްގެ ގޮތުގައި ވެފައި ކަމަށެވެ. ގައުމުގެ ކަރަންޓު ކުންފުނި އީވީއެންއިން ބުދަ ދުވަހު ބުނެފައިވަނީ ރައްކާތެރިކަމަށްޓަކައި ވެރިރަށުގެ ފެންބޮޑުވެފައިވާ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލާފައިވާ ކަމަށެވެ.

ގައުމުގެ މޫސުމާބެހޭ އިދާރާގެ ޑިރެކްޓަރު މައި ވަން ކީމް ވިދާޅުވީ ރެޑް ރިވަރުގެ މޫސުން މިހާރު ވަނީ ފާއިތުވި 20 އަހަރު ތެރޭގައި އެންމެ ގޯސް މިންވަރަށް އަރާފައި ކަމަށާއި، ކުރިއަށް އޮތް ދެ ދުވަހު އިތުރަށް ވާރޭވެހުމުގެ ފުރުސަތު އޮތް ކަމަށެވެ. ސަރުކާރާއި ސަރުކާރުގެ މީޑިއާއިން ބުނެފައިވާ ގޮތުގައި، ހަނޮއިގެ ބައެއް ސްކޫލުތަކުން ދަރިވަރުންނަށް މި ހަފުތާގެ ބާކީ އޮތް ދުވަސްތަކުގައި ގޭގައި ތިބުމަށް އަންގާފައިވާއިރު، އާބާދީ ބޮޑު ސަރަހައްދުތަކުން އެތައްހާސް މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ޖެހިފައިވެއެވެ.