މަޝްހޫރު ޗެޓްބޮޓް ޗެޓްޖީޕީޓީ ތަޢާރަފުކުރި ކުންފުނި އޯޕެން އޭއައި އިން 150 ބިލިއަން ޑޮލަރާ ހަމައަށް ފަންޑު އެއްކުރުމަށް މަސައްކަތް ފަށައިފިކަމަށް ބްލޫމްބާގް ނިއުސްއިން ރިޕޯޓުކޮށްފިއެވެ.
ބްލޫމްބާގް ނިއުސްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އޯޕެން އޭއައި އިން 6.5 ބިލިއަން ޑޮލަރު އިންވެސްޓަރުންގެ އަތުން ހޯދުމަށާއި، އިތުރު 5 ބިލިއަން ޑޮލަރު ބޭންކުތަކުން ދަރަންޏަށް ނެގުމަށް މަޝްވަރާކުރަމުންދެއެވެ. މިއީ މިއަހަރުގެ ކުރީކޮޅު އެ ކުންފުނީގެ އަގު ކަމުގައިވާ 86 ބިލިއަން ޑޮލަރަށްވުރެ 74 އިންސައްތަ އިތުރު އަދަދެކެވެ.
އޯޕެން އޭއައިގެ ސީއީއޯ ސެމް އޯލްޓްމަންގެ ލީޑަރޝިޕްގެ ދަށުން، މައިކްރޯސޮފްޓްގެ ފުރިހަމަ އެހީތެރިކަމާއެކު، ކުންފުނިން ވަނީ އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާގައި އެންމެ ކުރިއަރާފައިވާ ކުންފުނިތަކުގެ ތެރެއިން އެއް ކުންފުންޏަށް ވެފައެވެ. ޗެޓްޖީޕީޓީގެ ސަބަބުން ސިލިކޮން ވެލީގެ އިންވެސްޓަރުންގެ ސަމާލުކަން އަލުން އޭއައި ދާއިރާއަށް ހޯދައިދީފައިވެއެވެ.
މި އިތުރު ފަންޑު ލިބުމުން އޯޕެން އޭއައި އަށް ދިގު މުއްދަތަކަށް ޕަބްލިކް ކުންފުންޏަކަށް ނުވެ ހުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ގިނަ ސްޓާޓްއަޕްތަކުން މިހާރު ޕަބްލިކް ކުންފުނިތަކަަކަށް ވުމުގެ ބަދަލުގައި ޕްރައިވެޓް އިކުއިޓީ ފަންޑުތަކާއި އެހެނިހެން އޮޕްޝަންތަކަށް އަހައްމިއްޔަތުކަން ދެމުންދެއެވެ.
ނަމަވެސް، ވެންޗަރ ކެޕިޓަލިސްޓުންނަށް ލިކުއިޑިޓީ ބޭނުންވާނެކަމަށް ރޯޕްސް އެންޑް ގްރޭގެ ޕާޓްނަރ ޗެލްސީ ޗައިލްޑްސް ވިދާޅުވެފައިވެއެވެ. އެކަން ހާސިލުކުރެވޭނީ ކުންފުނި ވިއްކާލައިގެން ނުވަތަ ޕަބްލިކް ކުންފުންޏަކަށް ވެގެންކަމަށް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!