މެންޗެސްޓާ ޔުނައިޓެޑުން ކާމިޔާބު ހޯދަން ބޭނުންނަމަ އެ ޓީމްގެ ހުރިހާކަމެއް އަލުން ބިނާކުރަން ޖެހޭކަމުގައި އެ ޓީމްގެ ކުރީގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔާ، ރިއޯ ފާޑިނަންޑް ޕްރެސެންޓްސް ޕޮޑްކާސްޓްގައި ޔުނައިޓެޑާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ރޮނާލްޑޯ ވަނީ، ޔުނައިޓެޑްގެ ކޯޗް ޓެން ހާގް އަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

Ad
rt

"ކޯޗް (ޓެން ހާގް) ބުނަނީ ޔުނައިޓެޑަށް ޕްރިމިއާ ލީގަށާއި، ޗެމްޕިއަންސް ލީގު ވާދަ ނުކުރެވޭނެ ކަމަށް"

ޓެން ހާގްގެ ވިސްނުމަށް ފާޑު ކިޔަމުން ރޮނާލްޑޯ ބުނީ ކޯޗެއްގެ ހައިސިއްޔަތުން އެހެން ނުބުނެވޭނެ ކަމަށާއި، ނަމަވެސް ފަހަރެއްގައި ޓީމުގައި އެ ގާބިލްކަން ނެތްނަމަ ކުޅުންތެރިންނާއި ގުޅިގެން އެ މަސައްކަތް ކުރުމަށް ހިތްވަރުދީ ކުރިއަށް ދެވިދާނެ ކަމަށެވެ.

ރޮނާލްޑޯ ބުނީ އޭނާއަކީ މާޒީ ހަނދާން ނައްތާލާ މީހެއް ނޫން ކަމަށާއި، އޭނާ ޔުނައިޓެޑް ދެކެ ވަރަށް ލޯބިވާ ކަމަށެވެ.

ރޮނާލްޑޯ ވަނީ ދެފަހަރެއްގެ މަތިން ޔުނައިޓެޑަށް ކުޅެފައެވެ. ފުރަތަމަ ހަ އަހަރުގައި އޭނާ ވަނީ ޔުނައިޓެޑާއިއެކު ޕްރިމިއާ ލީގު ތިން ފަހަރު، ލީގު ކަޕް ދެފަހަރު ކާމިޔާބު ކޮށްފައެވެ. ޔުނައިޓެޑާއިއެކު އޭނާ ވަނީ ޗެމްޕިއަންސް ލީގާއި ކޮމިއުނިޓީ ޝީލްޑާއި އެފްއޭކަޕްގެ އިތުރުން ކްލަބް ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްފައެވެ. ރޮނާލްޑޯ 2009 ވަނަ އަހަރު ދެން ބަދަލުވީ ސްޕެއިންގެ ރެއާލް މެޑްރިޑަށެވެ.

އިޓަލީގެ ޔުވެންޓަސް އަށް ކުޅުމަށް ފަހު ރޮނާލްޑޯ އަލުން އެނބުރި ޔުނައިޓެޑާއި ގުޅުނީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ. ދެ ފަހަރުގެ މަތީން އޭނާ ވަނީ ޔުނައިޓެޑަށް ކުޅުނު 346 މެޗުގައި 145 ލަނޑު ޖަހައިދީފައެވެ.

ޔުނައިޓެޑާއިއެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލުމަށް ފަހު 2022 ވަނަ އަހަރު ޑިސެމްބަރ މަހު ރޮނާލްޑޯ ބަދަލުވީ ސައުދީ ލީގުގެ އަލް ނަސްރަށެވެ.

އަލް ނަސްރަށް ބަދަލުވުމުގެ އެއްމަސް ދުވަހުގެ ކުރިން ޕިއާސް މޯގަންއަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ވަނީ ޓެން ހާގް އަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށްލަން ނިންމި ސަބަބުތަކުގެ ތެރޭގައި ކޯޗާއި އޮތް ނުތަނަވަސްކަން ހިމެނެއެވެ.

ރޮނާލްޑޯ އިތުރަށް ބުނީ 2013 ވަނަ އަހަރު ކޯޗު އަލެކްސް ފާގަޝަން އެ މަގާމުން ވަކިވިފަހުން ޓީމަށް ހެޔޮ ބަދަލެއް އައިސްފައި ނުވާކަމަށެވެ. އެ އަހަރަށް ފަހު ޔުނައިޓެޑަށް އަދި ޕްރިމިއާ ލީގު ކާމިޔާބު ނުކުރެވެއެވެ.

"އަހަރެންގެ ނަޒަރުގައި ޔުނައިޓެޑްގެ ހުރިހާ ކަމެއް އަލުން ވަނީ ބިނާކުރަން ޖެހިފައ، ކާމިޔާބަށް ވާސިލްވުމަށް އޮތް ހަމައެކަނި ގޮތަކީ އެއީ" ޔުނައިޓެޑަކީ ދުނިޔޭގައި އޮތް އެންމެ މޮޅު އެއް ކްލަބް ކަން ފާހަގަ ކުރަމުން ރޮނާލްޑޯ ބުންޏެވެ.