އީރާނުން ރަޝިއާއަށް ދުރުރާސްތާ އަދި މެދުރާސްތާ މިސައިލް ދީފައިވާތީ ކަމަށްބުނެ ޔޫކްރެއިންއަށް އެފަދަ ނުވަތަ އެއަށްވުރެވެސް ގާބިލް ޒަމާނީ މިސައިލް ދިނުމާ މެދު އެމެރިކާއާއި އިނގިރޭސި ވިލާތުން ވިސްނަމުންދާ ކަމަށް އިނގިރޭސި ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަންއާއެކު ކީވްއަށް ކުރެއްވި ދަތުރުފުޅެއްގައި ލެމީ ވިދާޅުވީ އީރާނުން ރަޝިއާއަށް މިސައިލް ދިނުމުން މި މައްސަލައިގެ ބަހުސް ބަދަލުވެފައިވާ ކަމަށެވެ. މީގެ ކުރިން ހުއްދަ ދީފައި ނުވަނީ ހަނގުރާމަ އިތުރަށް ގޯސްވެދާނެ ކަމަށް ބިރުން ކަމަށް ލެމީ ވިދާޅުވިއެވެ.

Ad
rt

އެމެރިކާގެ ރައީސް ޖޯ ބައިޑަން މި މައްސަލައިގައި ނިންމުމެއް ނިންމަވާނެ ކަމަށް ބެލެވެއެވެ. އަދި މި ހަފުތާގައި ވައިޓް ހައުސްގައި އިނގިރޭސި ބޮޑުވަޒީރު ސަރ ކެއިރ ސްޓާމަރއާ ބައްދަލުކުރައްވާއިރު މި މައްސަލަ އާއި މެދު މަޝްވަރާކުރައްވާނެ ކަމަށް ބްލިންކަން ވިދާޅުވިއެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރ ޒެލެންސްކީ ވަނީ ވައިގެމަގުން ރަޝިއާގެ އެތެރެއަށް ޔޫކްރެއިން ސިފައިން ހަމަލާތައް ދިނުން ހުއްޓުވުމަށް ނޭޓޯއިން ކަނޑައަޅާފައިވާ ހަނިކުރުންތައް ލުއިކޮށްދިނުމަށް އެދިވަޑައިގެންފައެވެ. މި ދަތުރުފުޅުގައި އިނގިރޭސިވިލާތުން 600 މިލިއަން ޕައުންޑް އަދި އެމެރިކާއިން 700 މިލިއަން ޑޮލަރުގެ އިތުރު އެހީ ޔޫކްރެއިންއަށް ދޭން ނިންމާނެކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.