މެކްސިކޯގެ ޖުޑިޝަރީ އިސްލާހުކުރުމަށް ހުށަހަޅާފައިވާ ބިލަކާ ގުޅިގެން އެ އެކަމާދެކޮޅަށް ހަޅުތާލުކުރި އެތައްސަތޭކަ ބަޔަކު އެ ގައުމުގެ ސެނެޓަށް ވަދެ، ބަހުސް ހުއްޓުވާލައިފިއެވެ.
އަންގާރަ ދުވަހު ހިނގި މި ހާދިސާގައި ހަޅުތާލުކުރާ ފަރާތްތަކުން ވަނީ ސެނެޓުގެ ސެކިއުރިޓީ ފަހަނައަޅާ ގޮސް، ސެނެޓުގެ މަޖިލިސް ކޮޓަރިއަށް ވަދެފައެވެ.
ހަޅުތާލުކުރާ ފަރާތްތަކުން ވަނީ ގައުމީ ސަލާމް ކިޔަމުން، މަޖިލީހުގެ ޖަލްސާ މެދުކަނޑާލުމަށް މަޖުބޫރުކޮށްފައެވެ. މި ބިލަކީ ރައީސް އެންޑްރޭސް މެނުއެލް ލޯޕެޒް އޮބްރަޑޯ ކުރިއަށް ގެންދަވާ އިސްލާހެއް ކަމަށްވާއިރު، މިދިޔަ ހަފްތާގައި ވަނީ ޕާލަމެންޓުގެ ދަށު މަޖިލީހުން އަވަސް ގޮތެއްގައި ފާސްކޮށްފައެވެ. މި އިސްލާހާ ދެކޮޅަށް ގައުމުގައި ވަނީ ހަޅުތާލުތަކެއް އުފެދި، އަދި ހުރިހާ ކޯޓުތަކަކާއި ޓްރައިބިއުނަލްތައް ވެސް ވަނީ ބަންދުކޮށްފައެވެ.
މި ޤާނޫނު އަސާސީ އިސްލާހުގެ ދަށުން މެކްސިކޯގެ ފަނޑިޔާރުންނާއި މެޖިސްޓްރޭޓުން އިންތިޚާބުކުރާނީ ސީދާ ވޯޓަކުންނެވެ. މިކަމާ ގުޅިގެން ސަރުކާރުން ޖުޑިޝަރީއަށް ސިޔާސީ ނުފޫޒު ފޯރުވާނެކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.
ވެރިކަންކުރާ މޮރޭނާ ޕާޓީއަށް މި އިސްލާހު ފާސްކުރުމަށް އަޣުލަބިއްޔަތު ނެތް ނަމަވެސް، އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ރައީސް ލޯޕެޒް އޮބްރަޑޯގެ ވެރިކަމުން ދަނީ އިދިކޮޅު ޕާޓީތަކުގެ ސެނެޓަރުންގެ އެއްބާރުލުން ހޯދަން މަސައްކަތްކުރަމުންނެވެ.
ނަމަވެސް، މަޖިލީހުގެ ޖަލްސާ ވަނީ އަލުން ފަށާފައެވެ. އަދި ބުދަ ދުވަހު މި އިސްލާހުގެ ފަހުގެ ވޯޓެއް ނަގާނެ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!