މާލޭގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް ހުއްދަނެތި ބޭރު ފައިސާ މާރުކުރުމުގެ މަސައްކަތް ކުރަމުންދިޔަ ދެ ތަނެއް ހުއްޓުވައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ޤާނޫނާއި ޤަވާއިދާ ޚިލާފަށް ހުއްދަނެތި ބޭރު ފައިސާ މާރުކުރުމުގެ މަސައްކަތް ކުރަމުންދިޔަ ދެ ތަނެއް ހުއްޓުވާފައިވާ ކަމަށެވެ.

Ad
rt

މި ދެތަން ހުއްޓުވީ، މާލެ ސިޓީ ޕޮލިހާއި ފުލުހުންގެ އިންޓެލިޖެންސް އަދި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ ގުޅިގެން ހިންގި ދެ އޮޕަރޭޝަނެއްގައެވެ.

ފުރަތަމަ އޮޕަރޭޝަން ހިންގާފައިވަނީ ސެޕްޓެންބަރު 3 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަނުގައި "ޓްރާންސްފަރ މޯލްޑިވްސް" ގެ ނަމުގައި، ހުއްދަ ހޯދުމަކާ ނުލައި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރަމުންދިޔަ ތަނެއް ހުއްޓުވައި، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ ނޯޓިސް ހަރުކޮށްފައެވެ.

ދެވަނަ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ސެޕްޓެންބަރު 11 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަނުގައި އެމް.އެމް.އޭ އިން ހުއްދަ ނުނަގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުޢާމަލާތް ކުރަމުންދިޔަ ސޮވެނިޔަރ ވިޔަފާރި ކުރާތަނެއް ބަލައި ފާސްކޮށްފައިވެއެވެ.

މިގޮތުން ޗާންދަނީ މަގުގައި ހުންނަ ކާޝިބޯޓް ސުވެނިޔަރ ފިހާރައަށް ގޮސް ބެލިބެލުމުން، އެތަނަކީ އެމް.އެމް.އޭ އިން ނަގަންޖެހޭ ހުއްދަތައް ނުނަގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ މަސައްކަތް ކުރަމުންދާ ތަނެއްކަން ފާހަގަކުރެވުމާ ގުޅިގެން، އެ ފިހާރައަށް ވިޔަފާރިކުރުމަށް ދީފައިވާ ހުއްދަ ވަގުތީގޮތުން ވަނީ ބާތިލުކޮށްފައެވެ.

މީގެއިތުރުން މި އޮޕަރޭޝަނުގައި، ބޭރު ފައިސާ މާރުކުރުމުގެ ޚިދުމަތްދޭ އިތުރު ބައެއް ތަންތަން ބަލައިފާސްކޮށް، ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް އިރުޝާދުދީފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

މި އޮޕަރޭޝަންތައް ކުރިއަށް ގެންދިޔައީ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ބޭރު ފައިސާގެ މުޢާމަލާތްތައް ކުރުމަށް ބާރުއެޅުމަށާއި، ޤައުމުގެ އިޤްތިޞާދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުންނެވެ.