ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެކުނު އެމެރިކާ ސަރަހައްދުގެ ކޮލިފިކޭޝަންގައި ރޭ ބްރެޒިލް އާއި އާޖެންޓީނާ ބަލިވެއްޖެއެވެ.
ރޭ ފަތިހު ޕެރަގުއޭ އާއި ބްރެޒިލް ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ ޕެރަގުއޭއެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 20 ވަނަ މިނެޓުގައި ޕެރެގުއޭއަށް ކާމިޔާބު ކޮށްދިނީ ޑިއެގޯ ގޮމޭޒް އެވެ. މި މެޗު ކޮންޓްރޯލް ކޮށްގެން ބްރެޒިލުން ކުޅުނު ނަމަވެސް އިދިކޮޅު ގޯލަށް ލަނޑު ޖެހުމުގައި އެ ޓީމަށް ކާމިޔާބެއް ނުހޯދުނެވެ.
ކޮލިފައިންގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނަ ބްރެޒިލް މިވަގުތު އޮތީ ކުޅުނު 8 މެޗުން ލިބުނު 10 ޕޮއިންޓާއިއެކު ތާވަލުގެ ފަސް ވަނާގައެވެ. މެޗުން މޮޅުވި ޕެރަގުއޭ އޮތީ ހަތްވަނާގައެވެ. އެ ޓީމަށް 8 މެޗުން ލިބިފައި ވަނީ ނުވަ ޕޮއިންޓެވެ.
ކޮލިފައިންގައި ރޭ އާޖެންޓީނާ ވަނީ 2-1 ގެ ނަތީޖާއިން ކޮލަމްބިއާ އަތުން ބަލިވެފައެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ކޮލަމްބިއާ އެވެ. މި ލަނޑު 25 ވަނަ މިނެޓުގައި ހަމޭސް ރޮޑްރިގޭޒް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ މޮސްކުއޭރާއެވެ.
ދެވަނަ ހާފު ފެށުތާ ތިން މިނެޓްތެރޭ އާޖެންޓީނާއިން ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ނިކޯ ގޮންޒާލެޒް އެވެ. ކޮލަމްބިއާއިން ދެވަނަ ފަހަރަށް ލީޑު ނެގީ 60 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީން ހަމޭސް ރޮޑްރިގޭޒް ޖެހި ލަނޑުންނެވެ.
މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ އާޖެންޓީނާއެވެ. އެ ޓީމަށް 8 މެޗުން 18 ޕޮއިންޓް ލިބިފައިވާއިރު ދެވަނާގައި އޮތް ކޮލަމްބިއާއަށް 8 މެޗުން ލިބިފައި ވަނީ 16 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!