ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިން ރޭސް ކާރެއް، ސައިކަލެއްގައި ޖެހިގެން ހުކުރު ދުވަހު ރޭ މެންދަމު ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅުވައި ސައްހަކަން ކަށަވަރު ނުކުރެވޭ މައުލޫމާތު ނުފަތުރަން ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިން ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ރޭސް ކާރަކުން ސައިކަލެއްގައި ޖެހިގެން ހުކުރު ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވެފައި ވަނީ، ޙަސަން ސަމާޙް، ބީޗްހައުސް/ލ. އިސްދޫ އެވެ.

Ad
rt

މި އެކްސިޑެންޓް ހިނގާފައި ވަނީ ސެޕްޓެންބަރު 5 ވަނަ ދުވަހުގެ ރޭ 2:48 އެހައިކަންހާއިރު އެވެ.

ފުލުހުން މިރޭ ބުނީ، ހުޅުމާލޭގެ ސެންޓްރަލް ޕާކު ސަރަހައްދުގައި ހިނގި އެކްސިޑެންޓެއްގައި، ސަމާޙް ނިޔާވެފައިވާ ހާދިސާއާއިގުޅޭ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތާއި، މިހާތަނަށް ލިބިފައިވާ މައުލޫމާތު އެއްވެސް ފަރާތަކާ އެ ޚިދުމަތުން ހިއްސާކޮށްފައި ނުވާނެ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން އަސާސެއް ނެތް ތަފާތު ތުހުމަތުތައް ކުރުމަކީ މަރުހޫމްގެ އާއިލާއަށް އިތުރު ހިތްދަތިކަން ލިބި، ފުލުހުން ހިންގަމުންގެންދާ ތަހުގީގަށް ހުރަސްއެޅިދާނެ ކަމެއްކަމުގައި ދެކޭކަމަ ފުލުހުންގެ ބުނެފަވެއެވެ.

’’އެހެންކަމުން، ސައްހަކަން ކަށަވަރު ނުކުރެވޭ މައުލޫމާތު ސޯޝަލް މީޑިއާގައާއި އެހެނިހެން ވަސީލަތްތަކުގައި ނުފެތުރުމަށް މި ޚިދުމަތުން އިލްތިމާސްކުރަމެވެ.’’ ފުލުހުން ބުނެފަވެއެވެ.