އެޕަލް ކުންފުނިން އޭގެ އަހަރީ ސެޕްޓެމްބަރު ޕްރޮޑަކްޓް އިވެންޓްގައި އައިފޯން 16 އާއި އެހެނިހެން އައު އުފެއްދުންތައް ތަޢާރަފްކޮށްފިއެވެ.
މި އިވެންޓް ބާއްވާފައި ވަނީ އެމެރިކާގެ ކެލިފޯނިއާގެ ކުޕަޓީނޯގައި ހުންނަ އެޕަލްގެ މައި އޮފީހުގައެވެ.
އައިފޯން 16 އަކީ އެޕަލް އިންޓެލިޖެންސްއަށް އަމާޒުކޮށްގެން އަލުން ފަރުމާކޮށްފައިވާ ފުރަތަމަ އައިފޯނެވެ. އެޕަލްގެ ސީއީއޯ ޓިމް ކުކް ވިދާޅުވި ގޮތުގައި މި އައިފޯނުގައި ހިމެނޭ އާޓިފިޝަލް އިންޓެލިޖެންސް އަދި މެޝިން ލާނިންގ ފީޗަރތަކަކީ އިންޤިލާބީ ބަދަލެއް ގެނުވާނެ ކަންކަމެވެ.
މީގެ އިތުރުން އެޕަލް ވޮޗް ސީރީޒް 10 ވެސް ތަޢާރަފްކޮށްފައިވެއެވެ. މިއީ މިހާތަނަށް އެޕަލްއިން ނެރުނު އެންމެ ބޮޑު ސްކްރީން ހުރި ވޮޗެވެ. މީގެ ސްކްރީނަކީ ކުރީގެ މޮޑެލްތަކަށްވުރެ 30 އިންސައްތަ ބޮޑު ސްކްރީނެކެވެ.
Everything Apple announced at the #AppleEvent pic.twitter.com/tFnNTlekXk
— Apple Hub (@theapplehub) September 9, 2024
އެއާޕޮޑްސްގެ އައު ވަރޝަންތަކާއި ހައި-އެންޑް އެއާޕޮޑްސް މެކްސްގެ އައު މޮޑެލެއްވެސް މި އިވެންޓްގައި ހާމަކޮށްފައިވެއެވެ. އެންމެ ގިނައިން ވިއްކޭ އެއާޕޮޑްސް ޕްރޯ 2 އަށް ބޮޑު އަޕްގްރޭޑެއް ގެނެސްފައި ނުވިނަމަވެސް، އޭގެ ސޮފްޓްވެއަރއަށް ގެނެސްފައިވާ އައު ބަދަލުތަކާއެކު މިހާރު އެ އެއާޕޮޑް ހިއަރިންގ އެއިޑެއްގެ ގޮތުގައި ބޭނުންކުރެވޭނެއެވެ. މީގެ އިތުރުން އަޑުގަދަވުމުން ކަންފަތް ރައްކާތެރިކުރުމުގެ ޓޫލްތަކެއްވެސް މި އަޕްޑޭޓްގައި ހިމެނިފައިވެއެވެ.
އެޕަލްގެ މާލީ ހާލަތަށް އެންމެ ބޮޑު އަސަރެއް ކުރަނީ އައިފޯނުގެ ވިޔަފާރިންނެވެ. މިދިޔަ ކުއާޓަރގައި އައިފޯނުގެ ވިޔަފާރިން 39.3 ބިލިއަން ޑޮލަރު (ޖުމްލަ އާމްދަނީގެ 46 އިންސައްތަ) ލިބިފައިވެއެވެ.
އެޕަލްގެ މި އިވެންޓާ ގުޅިގެން އިންވެސްޓަރުންގެ ފަރާތުން މާ ބޮޑު ޝައުޤުވެރިކަމެއް ފެނިފައެއް ނުވެއެވެ. އިވެންޓް ކުރިއަށްދިޔައިރު އެޕަލްގެ ހިއްސާގެ އަގު ވަނީ 1 އިންސައްތަ ދަށްވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!