ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން، އެ މީހުން މަސައްކަތްކުރާ ތަން ރަޖިސްޓްރީކުރުމަށް ހުށަހަޅާ ލިޔުންތަކަށް ބަދަލުތަކެއް ގެނެސް އެކަން އާންމުކޮށްފިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ކުރި ޢިއުލާނެއްގައި ބުނީ، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ބޭނުންވާ ހުއްދަތައް ދޫކުރުމާއި އެ ބިދޭސީންގެ ކަންކަން ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުމަށް އެ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށް އެދި ވަޒީފާދޭ ފަރާތްތަކުން މި މިނިސްޓްރީއަށް ހުށަހަޅާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ ފޯމުތަށް މުރާޖަޢާކޮށްފައިވާ ކަމަށެވެ.

Ad
rt

މި ބަދަލާއެކު ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަކަން ލިބިގެންދާނެކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި މި ބަދަލުތަކަކީ، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމާ ގުޅިގެން އެ ވުޒާރާއިން ދޭ އެކިއެކި ޚިދުމަތްތަކާ ގުޅިގެން ހުށަހަޅާ ފޯމުތައް، ވަޒީފާދޭ ފަރާތްތަކަށް ލުއިފަސޭހަ ވާނެގޮތަށް ވަކިކޮށް، އެ ފަރާތްތަކުން ހުށަހަޅާ ފޯމުތަކާއި އެ ފޯމުތަކުގައިވާ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމުގެ ގޮތުން ގެނެވުނު ބަދަލުތަކެއް ކަމަށް ވެސް ބުނެފަވެއެވެ.

ދިވެހިރާއްޖޭގައި ވަޒީފާ އަދާ ކުރުމަށް ގެންނަ ބިދޭސީން މަސައްކަތްކުރާ ވާކް ސައިޓް ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ލިޔެކިޔުންތަކުގެ ތެރޭގައި، މަސައްކަތުގެ ބާވަތައް ބަލައި ބަދަލުގެންނަން ނިންމާފައިވާ ލިޔެކިޔުންތައް

  • ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ވާކް ސައިޓް ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ޕްރޮޖެކްޓް އެގްރީމަންޓް ފޯމް (ކޮންސްޓްރަކްޝަން) ނުވަތަ؛
  • ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ވަރކް ސައިޓް ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ޕްރޮޖެކްޓް އެގްރީމަންޓް ފޯމް ނުވަތަ؛
  • ދިގު މުއްދަތަކަށް ކުއްޔަށް ނަގާފައިވާ ބިމެއް/އިމާރާތެއް އެކްސްޕެޓް ސިސްޓަމުގައި ވަރކް ސައިޓްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ އިޤުރާރު ނުވަތަ؛
  • ކުއްޔަށް ނަގާފައިވާ ބިމެއް/އިމާރާތެއް/އުޅަނދެއް އެކްސްޕެޓް ސިސްޓަމުގައި ވަރކް ސައިޓްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ އިޤުރާރު ނުވަތަ؛
  • އިންސްޓޯލްމަންޓަށް ނަގާފައިވާ އުޅަނދެއް އެކްސްޕެޓް ސިސްޓަމުގައި ވަރކް ސައިޓްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ އިޤުރާރު

މި ފޯމު ހުށަހަޅަންޖެހޭ ޙާލަތްތަކާއި ފޯމު ފުރާނެ ގޮތާއި ފޯމު ފުރާއިރު ފާހަގަކުރެވޭ އާންމު މައްސަލަތަކާ ބެހޭ ގޮތުން ބޭނުންވާ ހުރިހާ މަޢުލޫމާތު ކޮންމެ ފޯމެއްގެ ފަހަތުގައިވާ "ހެލްޕް ޕޭޖް"ގައި ހިމަނާފައިވާއިރު، މި ފޯމު ހުށަހަޅާ ގޮތަށް ހަމަޖައްސާފައިވީ ނަމަވެސް، ދާޚިލީ ވުޒާރާއިން ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުންތަކުގެ އަސްލު ބަލަން ބޭނުންވެގެން އެދިއްޖެ ހިނދެއްގައި އެ ވުޒާރާއަށް އެ އެއްބަސްވުންތަކުގެ އަސްލު ހުށަހަޅަންޖެހޭނެ ކަމަށް ދާޚިލީ ވުޒާރާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ބިދޭސީ މަސައްކަތްތެރީން ގެނައުމަށް ވަރކް ސައިޓް ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ވަކް ސައިޓް ޑިކްލަރޭޝަން ފޯމަށް ވެސް ވަނީ ބަދަލުގެނެސްފައެވެ.

މި ދެންނެވުނު ފޯމުތައް ހުށަހަޅަންވާނީ، ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދުގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޕަބްލިކް ނޯޓަރީއަކުން ނޯޓަރައިޒް ކޮށް؛ ނުވަތަ ސިވިލް ކޯޓު ނުވަތަ މެޖިސްޓްރޭޓް ކޯޓުގައި ރަޖިސްޓަރީކުރުމަށްފަހުގައި ކަމަށް ވެސް ދާޚިލީ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި މި ފޯމުތައް ޕަބްލިކް ނޯޓަރީއަކުން ނޯޓަރައިޒްކޮށްފިނަމަ، ނޯޓަރައިޒްކޮށްދިންކަމުގެ ސެޓުފިކެޓު ހުށަހަޅަންވާނެކަމަށް ވެސް ވަނީ ބުނެފައެވެ.

ދިވެހިރާއްޖޭގައި ވަޒީފާ އަދާ ކުރުމަށް ގެންނަ ބިދޭސީން މަސައްކަތްކުރާ ވަރކް ސައިޓް ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅަންވާނީ ބަދަލުގެނެވިފައިވާ ފޯމުތައް ފުރިހަމަ ކުރުމަށް ހުށަހަޅަން ނިންމަފައި ވަނީ، 01 އޮކްޓޯބަރ 2024 އިން ފެށިގެންނެވެ. މި ފޯމުތައް ފުރިހަމަކޮށް ހުށަހަޅާފައި ނުވާނަމަ، އެޕްލިކޭޝަން "އިންކޮމްޕްލިޓް" ކުރެވޭނެ ކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.