ދެވަނަ ހާފުގައި ކުޅެން ނުކުމެ ރޮނާލްޑޯ ޖެހި ލަނޑުން، ސްކޮޓްލެންޑް އަތުން ޕޯޗުގަލް މޮޅުވެއްޖެއެވެ.

ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އެކެއްގައި ރޭ ޕޯޗުގަލްއާއި ސްކޮޓްލެންޑް ބައްދަލުކުރި މެޗު، ޕޯޗުގަލް އިން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއިންނެވެ.

Ad
rt

ރޭ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ސްކޮޓްލެންޑުންނެވެ. މި ލަނޑު ހަވަނަ މިނެޓުގައި ކެނީ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ މެކްޓޮމިނޭއެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ މި ނަތީޖާއިންނެވެ.

ރޭ މެޗުގައި ޕޯޗުގަލްގެ ފުރަތަމަ އެގާރާގައި އެ ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހިމަނާފައި ނުވެއެވެ. މިއީ އުމުރުން 39 އަހަރުގެ ރޮނާލްޑޯ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ރަސްމީ މެޗެއްގައި ފުރަތަމަ އެގާރާގައި ނުހިމެނި ފުރަތަމަ މެޗެވެ. ރޭ ދެވަނަ ހާފުގައި ކުޅެން ނުކުމެ ރޮނާލްޑޯ ވަނީ ތަފާތު ދައްކާފައެވެ.

ޕޯޗުގަލްއަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު 54 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒް ޖަހައިދިން އިރު، މެޗުން ޕޯޗުގަލް މޮޅުވި ލަނޑު ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް ޖަހައިދިނީ ރޮނާލްޑޯއެވެ. އެނާ މި ލަނޑު ޖަހާފައި ވަނީ ނޫނޯ މެންޑޭޒްގެ އެހީތެރިކަމާއި އެކުއެވެ. މިއީ ރޮނާލްޑޯގެ ކެރިއާގައި އޭނާ ޖެހި 901 ވަނަ ލަނޑެވެ.

މި ގްރޫޕްގައި ދެން ހިމެނޭ ކްރޮއޭޝިއާއާއި ޕޮލެންޑް ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ކްރޮއޭޝިއާއެވެ. މި މެޗުގައި ކްރޮއޭޝިއާ އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ ކެޕްޓަން ލުކާ މޮޑްރިޗެވެ.

މި ގްރޫޕްގެ އެއްވަނާގައި 6 ޕޮއިންޓާއިއެކު ޕޯޗުގަލް އޮތީ ކުޅުނު ދެ މެޗުން ވެސް މޮޅުވެގެންނެވެ. ދެވަނާގައި އޮތް ކްރޮއޭޝިއާއަށާއި ތިންވަނާގައި އޮތް ޕޮލެންޑަށް ލިބިފައިވަނީ 3 ޕޮއިންޓެވެ.