ޔުއެފާ ނޭޝަންސް ލީގުގައި ރޭ ސްޕެއިނާއި ސްވިޒަލެންޑް ވާދަކުރި މެޗުގެ ބޮޑުބައި އެކަކު މަދުކޮށް ކުޅެ ސްޕެއިނުން މެޗު ކާމިޔާބު ކޮށްފިއެވެ. ރަށުން ބޭރުގައި ކުޅުނު މި މެޗު ސްޕެއިނުން ކާމިޔާބު ކުރީ 4-1 ގެ ނަތީޖާއިންނެވެ.
މި މެޗުގެ ވަރަށް ކުރީކޮޅު ސްޕެއިނުން ވަނީ ލީޑު ނަގާފައެވެ. ހަތަރު ވަނަ މިނެޓުގައި ލެމީން ޔަމާލް ތަނަވަސް ކޮށްދިން ފުރުސަތެއްގައި މި ލަނޑު ޖަހައިދިނީ މަޓެއޯ ހޮސެލޫއެވެ.
އޭގެ ހަތަރު މިނެޓް ފަހުން ސްވިޒަލެންޑުން ވަނީ ލަނޑެއް ޖަހާފައެވެ. ވީއޭއާރުން ބެލުމަށް ފަހު ލަނޑު ބަލައި ނުގަންނަން ނިންމީ ލަނޑުޖަހަން ފުރުސަތު ތަނަވަސް ކުރުމުގެ ތެރޭ ސްވިސްގެ އޮމަރަޖިކްގެ އަތުގައި ބޯޅަ ޖެހުމުންނެވެ. އޭގެ ހަތަރު މިނެޓް ފަހުން ސްޕެއިނުން ވަނީ އެ ޓީމްގެ ދެވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު ޖަހައިދިނީ ފަބިއަން ރުއިޒްއެވެ.
ދެ ލަނޑުގެ ލީޑެއް ލިބުނުތާ ހަތް މިނެޓް ފަހުން ސްޕެއިންގެ ޑިފެންޑަރ ރޮބިން ލެ ނޯމަންޑަށް ރެފްރީ ވަނީ ސީދާ ރަތްކާޑެއް ދައްކާފައެވެ. އޭނާއަށް ރަތްކާޑު ދެއްކީ ސްވިސްގެ އެމްބޯލޯއަށް ލަނޑުޖަހަން ތަނަވަސް ވީ ފުރުސަތެއް ހުއްޓުވަން މަސައްކަތް ކުރުމުގެ ތެރޭ ކުރި ފައުލަކާއި ގުޅިގެންނެވެ.
ސްޕެއިނުން އެއް ކުޅުންތެރިއަކު މަދުވުމުން ސްވިސް އިން ވަނީ މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅެ ލަނޑު ޖަހާނެ ފުރުސަތު ވެސް ހޯދާފައެވެ. ނަމަވެސް ސްޕެއިނުން ދިޔައީ މުޅި މެޗުގައި ވެސް ވިސްނުންތެރި ކަމާއިއެކު ޑިފެންސް ކުރަމުންނެވެ. ސްވިސް އިން މެޗުގައި ޖެހި ހަމައެކަނި ލަނޑު 41 ވަނަ މިނެޓުގައި އެމްބޯލޯ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ޒެކީ އެމްޑޮއުނީއެވެ.
ދެވަނަ ހާފުގައި ސްޕެއިނުން އުފެއްދި ކައުންޓަ އެޓޭކްގައި އެ ޓީމުން ވަނީ އިތުރު ދެ ލަނޑު ޖަހައި މެޗު ކާމިޔާބު ކޮށްފައެވެ. އެ ޓީމްގެ ތިންވަނަ ލަނޑު 77 ވަނަ މިނެޓުގައި ޖަހައިދިނީ ދެވަނަ ލަނޑު ވެސް ޖެހި ފަބިއަން ރުއިޒް އެވެ. އޭގެ ތިން މިނެޓް ފަހުން ހަތަރުވަނަ ލަނޑު ޖަހައިދިނީ ފެރާން ޓޯރޭސްއެވެ.
އެންމެ ފަހުން ޔޫރޯ ފުޓްބޯޅަ މުބާރާތް ވެސް ކާމިޔާބުކުރި ސްޕެއިން، މިއީ ބަލިނުވެ ކުޅުނު 17 ވަނަ މެޗެވެ. ނޭޝަންސް ލީގުގައި ސްޕެއިން ކުޅުނު ފުރަތަމަ މެޗުގައި ސާބިއާ އަތުން ވީ އެއްވަރެވެ.
މި ގްރޫޕްގެ އެއްވަނާގައި އޮތީ ރޭ 2-0 ގެ ނަތީޖާއިން ސާބިއާ ބަލިކުރި ޑެންމާކެވެ. ޑެންމާކް ވަނީ ކުޅުނު ދެ މެޗުން މޮޅުވެ 6 ޕޮއިންޓް ހޯދާފައެވެ. ދެވަނާގައި ހަތަރު ޕޮއިންޓާއިއެކު އޮތީ ސްޕެއިން އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!