މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް އެޅުމަށް ކަމާއިބެހޭ ފަރާތްތަކަށް މިއަދު (ހުކުރު) އަންގާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގަވާއިދާ ހިލާފަށް ބާރު ސްޕީޑްގައި ދުއްވާ އުޅަނދު ކޮންޓްރޯލް ކުރުމާއި، އުޅަނދަށް ބަދަލުގެނެސްގެން ނުވަތަ އުޅަނދުގެ ބާވަތުން ދުއްވާއިރު އަޑުގަދަ އުޅަނދުތައް ބޭނުންކުރުން ކޮންޓްރޯލްކޮށް އާންމު ރައްޔިތުން ދިރިއުޅޭ ސަރަހައްދުތައް ރައްކާތެރިކުރުމަށްޓަކައި އަޅަން ނިންމާފައިވާ ފިޔަވަޅުތައް ރައީސް ވަނީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހިއްސާ ކުރައްވާފައެވެ.

Ad
rt

އަޅަން ނިންމާފައިވާ ފިޔަވަޅުތައް

  • މަގުތަކަކީ އެންމެންނަށް ވެސް އަމާންކަމާއިއެކު ބޭނުން ކުރެވޭނެ ތަނެއްކަމުގައި ހެދުމަށްޓަކައި ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާއިމެދު ހަރުކަށި ފިޔަވަޅުތައް ގާނޫނާއި ގަވައިދުތައް އިސްލާހުކުރުން.
  • ރޭސިންގ އަދި ޑްރިފްޓިންގ އަށް ހުޅުމާލޭ ވަކި ސަރަހައްދެއް ބޭނުން ކުރުމަށް 19 އޮކްޓޯބަރ 2023 ގައި އެޗްޑީސީ އިން ދީފައިވާ ހުއްދަ ވަގުތުން ބާތިލު ކުރުން.
  • ކަނޑައެޅިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވައި، އުޅަނދު ދުއްވާ ފަރާތުގެ ލައިސަންސްއާއި އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން.
  • ވަކި ސީސީ (ހޯސަޕަވަރ) އަކުން ފެށިގެން މަތީގެ އެއްގަމުގައި ދުއްވާ އުޅަނދުތައް އާންމު މަގުތަކުގައި ބޭނުން ނުކުރެވޭ ގޮތަށް ގާނޫނާއި ގަވައިދުތައް އިސްލާހު ކުރުން.
  • އެއްގަމު އުޅަނދުތަކުގެ ސައިލެންސަރު ބަދަލުކޮށްގެން އަޑުގަދަކޮށް ދުއްވުން ހުއްޓުވުމަށް އެފަދަ އާލާތްތައް އެތެރެކުރުން މަނާކުރުމަށް ގާނޫނާއި ގަވައިދުތައް އިސްލާހުކުރުން.
  • ހުޅުމާލެ މަގުމަތި ތަރުތީބުކޮށް ތަންފީޒު ކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެޗްޑީސީއަށް ހުށަހަޅާފައިވާ ޕްލޭންގެ މަސައްކަތް އަވަސްކުރުން، އެގޮތުން ފުލުހުން ހުށަހަޅާފައިވާގޮތަށް ހުޅުމާލޭގެ 150 ސަރަހައްދެއްގައި ސްޕީޑް ބްރޭކަރު ހަރުކުރުމާއި ސްޕީޑް ޑިޓެކްޓިން ކެމެރާ ހަރުކުރުން.
  • ގްރެޖުއޭޓިންގ ލައިސަންސް ސިސްޓަމެއް ތައާރަފް ކުރުމާއި، ގަވައިދާ ހިލާފަށް ވެހިކަލް ދުއްވާ ފަރާތްތަކުގެ ލައިސަންސް އިން ޕޮއިންޓް ކަނޑަން ފެށުން.
  • މަގުމަތީގެ ގާނޫނުތަކާއި ގަވައިދުތައް ތަންފީޒު ކުރުމަށް ދިވެހި ފުލުހުން ހިދުމަތުން ކުރާ މަސައްކަތް މިހާރަށްވުރެ އިތުރަށް ހަރުދަނާކުރުން.

ފިޔަވަޅުތައް އެޅެމުންދާ ގޮތާއި އޭގެ ނަތީޖާ ރަނގަޅަށް މޮނިޓަރ ކުރެވޭނެ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ރައީސް ނިންމަވާފައި މިވަނީ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައި ސައިކަލަކާއި ރޭސިންގ ކާރެއްޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން ޒުވާނާ ނިޔާވުމާއި ގުޅިގެންނެވެ. މި އެކްސިޑެންޓްގައި ނިޔާވީ ލ.އިސްދޫއަށް އުފަން ހަސަން ސަމާހްއެވެ. މި މައްސަލާގައި ކާރު ދުއްވަން އިން މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.