ގިނަ އަދަދެއްގެ ފައިސާއާއިއެކު، ވަގުޑޮލަރުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތަކެއް މޯލްޑިވްސް އިމިގްރޭޝަނުން އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން މިރޭ ބުނީ ޓާސްކު ފޯސް އަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ ހާއްސަ ރެއިޑެއްގައި ގަވާއިދާ ހިލާފަށް، ފުޅާދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދާ 05 ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ.
ހައްޔަރުކުރި ފަސް މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ އަދި ޑެބިޓް/ކްރެޑިޓް ކާޑު ވަނީ ފެނިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މި މައްސަލަ މިހާރު އިތުރަށް ތަހުގީގު ކުރެވެމުން އަންނަ ކަމަށާއި އިތުރު ތަފްސީލު ފަހުން ހިއްސާކުރާނެކަމުގައި އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
މި މައްސަލައާއި ގުޅިގެން އާންމުކޮށްފައިވާ ފޮޓޯތަކުގައި ވެސް ވަރަށް ގިން ދިވެހި ރުފިޔާއާއި ޑޮލަރާއި ޔޫރޯ ވެސް ފެންނަން ހުއްޓެވެ. މީގެއިތުރުން ގިނަ އަދަދެއްގެ ޑެބިޓް/ކްރެޑިޓް ކާޑުތައް ވެސް ފެންނަން ހުއްޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!