ރާއްޖޭގައި ހުރި ބައެއް އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑު އުފުލަމުން ދަނިކޮށް ހައްޔަރުކުރި ދެ އަންހެނުން ދޫކޮށްލައިފިއެވެ.

ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުންކޮށްގެން ބޭއަދަބީ ބަހުރުވައިން މުއާމަލާތުކޮށް ފުލުހުންނަށް ނުކިޔަމަންތެރިވިކަމުގެ މައްސަލާގައި މިދިޔަ މަހުގެ 28 ވަނަ ދުވަހު ފުލުހުން ހައްޔަރުކޮށްފައިވަނީ، ކ.މާލެ ބަޑިކުޅިމާގެ، ޢާއިޝަތު ޝާދިޔާ (47އ) އާއި ގދ. ރަތަފަންދޫ، ލިލީގެ، ޑރ. ޝަޛުރާ އިބްރާހީމް (36އ) އެވެ.

Ad
rt

އެއްވެ އުޅުމުގެ ގާނޫނާއި ހިލާފްވިކަމަށް ބުނެ ކްރިމިނަލް ކޯޓުން ފުރަތަމަ އެ ދެމީހުންގެ ބައްދަށް ޖަހައިދިނީ ތިން ދުވަހެއެވެ. އެއަށްފަހު ފަސް ދުވަސް ޖަހައިދިނެވެ. ފުލުހުންގެ ފޯމުގައި މިއަދު ވެސް އެދިފައި އޮތީ 15 ދުވަހަށް ބަންދު ޖެހުމަށެވެ. އެކަމަކު، ކޯޓުގައި ފުލުހުން އެދުނީ ޝަރުތު ކުރުމަށްފަހު ދޫކޮށްލުމަށެވެ. މި ދެ މީހުން މިއަދު ދޫކޮށްލާފައި ވަނީ މާލޭގައި ހުންނަ ބޭރުގެ އެމްބަސީތައް ކައިރިއަށް ގޮސް އަޑުނުއުފުލަން ޝަރުތުކޮށްފައެވެ.

އެ ދެމީހުން އިޒްރޭލާއި ދެކޮޅަށް އަޑުއުފުލާފައި ވަނީ އިނގިރޭސިވިލާތުގެ އެމްބަސީ އާއި ޖަރުމަން އެމްބަސީއާއި ޔޫއެން އޮފީގެ އިތުރުން އިނގިރޭސިވިލާތު އެމްބަސަޑަރު އަދި ސައުދީ އެމްބަސެޑަރު ހުންނަވާ ގެކޮޅު ކައިރީގައެވެ.

އެމްބަސީތަކުގެ ކައިރީގައި އަޑުގަދަކުރުން ކުއްވެރިކޮށް މިދިޔަ މަހުގެ 29 ވަނަ ދުވަހު އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރާއްޖޭގައި އުޅުއްވާ ސަފީރުންނާއި އެބޭފުޅުންގެ އާއިލާތަކަށް ގޯނާ ކުރުމަކީ ފަލަސްތީނަށް ނަސްރު ދިނުން ނޫން ކަމަށާއި، އެތައް ދުވަހެއް ވަންދެން ވަކި ސަފީރެއްގެ ގޭދޮށުގައި އަޑުގަދަކޮށް ރާއްޖެއިން ފައިބަން ގޮވައި އެބޭފުޅާއާއި އާއިލާއަށް ބިރު ދެއްކުމަކީ އިންސާފެއް ވެސް ނޫން ކަމަށެވެ.