ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 7 ބޭފުޅަކަށާއި، އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 10 ބޭފުޅަކަށާއި، 1 ކުންފުންޏަކަށް މިއަދު ދެއްވައިފިއެވެ.
މި އިނާމްތައް ދެއްވީ މިއަދު ހެނދުނު ކުރިއަށް ދިޔަ މިއަހަރުގެ ޤައުމީ ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
ދައުލަތުން ދެއްވާ އިނާމްތަކަށް ބޭފުޅުންނާއި، ފަރާތްތައް އެކަށަހަޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީއިންނެވެ.
ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް ރައީސް ދެއްވަނީ، ޝަރަފުގެ އައްޑަނައާއި، ޝަރަފުގެ ބެޖެވެ. އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް ރައީސް ދެއްވަނީ ހަނދާނީ ފިލައެކެވެ.
ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި 7 ބޭފުޅުން
1. ދެމިހުންނަނިވި ޚާއްޞަ ޚިދުމަތެއްކުރުމުގެ ދާއިރާއިން: އަލްމަރްޙޫމް މުޙައްމަދު ތައުފީޤުގެ ހަނދާނަށް، ތަޅަމުދިގެ
2. ޞިއްޙީ ދާއިރާއިން: ޑޮކްޓަރ ޢަބްދުލްޢަޒީޒު ޔޫސުފް، ވ. އަކީލާ
3. ކުދިފަންތިއާއި މެދުފަންތީގެ ވިޔަފާރީގެ ދާއިރާއިން: މުޙައްމަދު މާޖިދު، ހުޅުމާލެ. ފްލެޓް ނަންބަރު 02-3-7
4. ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން: މޫސާ ލަޠީފް، މ. ހުސްނޫ
5. ކުޅިވަރުގެ ދާއިރާއިން: މުޙައްމަދު ނާޞިރު، މ. މެޓްރޯވިލާ
6. ކުޅިވަރުގެ ދާއިރާއިން: އަޙްމަދު މުޙައްމަދު، ވ. ރޭދުވާ
7. ޕަރފޯމިންގ އާޓްސްގެ ދާއިރާއިން ޙަސަންމަނިކު، ވ. ކަންދު
ހިތްވަރު ދިނުމުގެ ޤައުމީ އިނާމު އެރުވި 10 ބޭފުޅުންނާއި ކުންފުނި
1. ކީރިތި ޤުރްއާން އުނގަންނައިދިނުމާއި، ކީރިތި ޤުރްއާނުގެ ޢިލްމުގެ ދާއިރާއިން; ކީރިތި ޤުރްއާން އުނގަންނައިދިނުމުގެ ރޮނގުން: އަލްޤާރީ އަޙްމަދު އިބްރާހީމް، ޒަމާނީގެ، ނ. ހޮޅުދޫ
2. ކީރިތި ޤުރްއާން އުނގަންނައިދިނުމާއި، ކީރިތި ޤުރްއާނުގެ ޢިލްމުގެ ދާއިރާއިން; ކީރިތި ޤުރްއާން އުނގަންނައިދިނުމުގެ ރޮނގުން: އަލްއުސްތާޒު ޢަބްދުއްރަޙްމާން ޔޫނުސް، މަޒާ، ރ.އަލިފުށި
3. އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން; ދީނީ ރޮނގުން ޚިދުމަތްކުރުމާއި، މީހުންގެ ހޭލުންތެރިކަން އިތުރުކުރުވުމުގެ ރޮނގުން: އައްޝައިޚް ޢިއްޒައްދީން ޢަދުނާން، ދަފްތަރު ނަންބަރު ރސ 12132
4. އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން; ދީނީ ރޮނގުން ޚިދުމަތްކުރުމާއި، މީހުންގެ ހޭލުންތެރިކަން އިތުރުކުރުވުމުގެ ރޮނގުން: އައްޝައިޚް އަޙްމަދު މައުމޫން، މާބަގީޗާގެ، ސ.މަރަދޫ
5. ތަޢުލީމީ ދާއިރާއިން; ފަންނީ މީހުން ބިނާކުރުމުގެ ރޮނގުން: އިސްމާޢީލް ސާޖިދު، މއ. ވިލާރޮދި
6. މަސްވެރިކަމުގެ ދާއިރާއިން; ދޮށީގެ މަސްވެރިކަން ކުރުމުގެ ރޮނގުން: އިބްރާހީމް ތައްޚާނު ، ވާކަރުގެ،ގއ. ވިލިނގިލި
7. ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން; ވިޔަފާރި ފުޅާކޮށް ތަރައްޤީ ކުރުމުގެ ރޮނގުން: ރިޔަން ޕްރައިވެޓް ލިމިޓެޑް
8. ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން; އިޤްތިޞާދަށް މުޅިން އައު ޚިދުމަތްތަކާއި މަސައްކަތްތައް ތަޢާރުފުކޮށް، ތަރައްޤީކޮށް، ކުރިއެރުވުމުގެ ރޮނގުން: ޢާމިރު މަންޞޫރު، މއ. މަނަސް
9. ބޯޓް ބިލްޑިންގގެ ދާއިރާއިން; އޮޑިދޯނިފަހަރު ބަނުމާއި، ޔޮޓްފަހަރު ބަނުމުގެ ރޮނގުން: ޢަބްދުއްރަޙްމާނު ޔޫސުފު، ރީފް، ރ.އަލިފުށި
10. ކަލިނަރީ އާރޓްސްގެ ދާއިރާއިން; މީހުން ބިނާކުރުމާއި ތަރައްޤީކުރުމުގެ ރޮނގުން: ފާޠިމަތު ޢުމަރު، ދޯދި، ހއ. ފިއްލަދޫ
11. ޒުވާނުންގެ ދާއިރާއިން; ހިލޭސާބަހަށް މަސައްކަތްކުރުމާއި، މަސައްކަތްކުރުމުގެ ރޫޙު އާލާކުރުމުގެ ރޮނގުން: ޙުސައިން ޢަލީ، ނޫރާނީމާގެ، ނ.ހެނބަދޫ
މި ޖަލްސާގައި ރައީސް ވަނީ މިއަދު އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ތަހުނިޔާ ވިދާޅުވެފައެވެ.
މީގެ އިތުރުން މިއަދުގެ ޖަލްސާގައި ވަނީ ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީންގެ ހަނދާނަށް އަރުވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!