ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤް (ދަގަނޑޭ)، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގެކޮޅުގެ (މުރައިދޫ ގޭގެ) ޑިރެކްޓަ ޖެނެރަލްގެ މަގާމަށް ހަމައްސައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދަގަނޑޭ އެ މަގާމަށް ހަމަޖެއްސީ މިދިޔަ ޖުލައި މަހު އެވެ.
ދަގަނޑޭ މި މަގާމަށް ހަމަޖައްސާފައިވާއިރު، މަޖިލީހުގެ ރައީސްގެ ގެކޮޅުގެ އެންމެ އިސް ވެރިޔެއްގެ ގޮތުގައި، ޗީފް އޮފް ސްޓާފްގެ މަގާމް ފުރުއްވަމުން ގެންދަވަނީ ރާއްޖޭގެ ތަޖުރިބާކާރު ނޫސްވެރިޔާ މުންޑޫ އާދަމް ހަލީމެވެ.
މަޖިލީހުގެ ރައީސްގެ ބިއުރޭ ޗީފަކަށް ހަމަޖައްސާފައި ވަނީ ޕީޕީއެމް ޕާލަމެންޓަރީ ގްރޫޕްގެ ކުރީގެ ލީޑަރު އަދި ދެ ދައުރެއްގައި މަޖިލީހުގެ މެންބަރުކަން ކުރަށްވާފައިވާ އަހްމަދު ނިހާން ހުސެން މަނިކެވެ.
ފުޓުބޯޅައިން ރާއްޖެއަށް އެތައް ރީތި ނަމަކާއި ޝަރަފެއް ހޯދައިދިން ރާއްޖޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ދަގަނޑޭ، ވަނީ މީގެ ކުރިން ދައުލަތުގެ ބައެއް ކުންފުނިތަކުގައި ވެސް ވަޒީފާ އަދާކޮށްފައެވެ.
ރާއްޖޭގެ ކާމިޔާބީތަކުގެ އިތުރުން އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން އިންތިޒާމު ކޮށްގެން 2020 ވަނަ އަހަރު ކުރިއަށް ގެންދިޔަ އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ތާރީހުގައި އެހާތަނަށް ޖަހާފައިވާ ގޯލްތަކުގެ ތެރެއިން އެންމެ މޮޅު ސޯލޯ ގޯލަކަށް ދަނގަޑޭގެ ގޯލެއް ވަނީ ހޮވާފައެވެ.
ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށްވާ އަޝްފާގުގެ މި ގޯލަކީ އޭއެފްސީ ކަޕްގައި 2013 ވަނަ އަހަރު ނިއުރޭޑިއަންޓްގެ ޖޯޒީގައި ގްރޫޕް ސްޓޭޖްގެ މެޗެއްގައި އިންޑޮނޭޝިއާގެ ޕާސިބޯ ބޮޖެންނެގޮރޯ އާއި ދެކޮޅަށް އަޝްފާގު ޖަހާދިން ގޯލެކެވެ.
އޭއެފްސީ ކަޕްގެ ތާރީހްގައި އެންމެ ގިނަ ގޯލް ޖެހި 10 ކުޅުންތެރިންގެ ތެރޭގައި ދަގަނޑޭ ހިމެނޭއިރު، އޭނާ ވަނީ ކެރިއަރުގައި 400 އަށްވުރެ ގިނަ ގޯލް ޖަހާފައެވެ.
ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އެތަކެއް ފަހަރު ހޯދައިފައިވާ ދަގަނޑޭ އަކީ ރާއްޖޭގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. މީގެ އިތުރުން ފުޓުބޯޅައިގައި ރާއްޖޭގެ ކުޅުންތެރިޔަކަށް އަވަސް މުސްތަގުބަލެއްގައި އޭނާ ހަދައިފައިވާ ރެކޯޑްތަށް މުގުރައިލުމަކީ ހަމަ ޔަގީނުންވެސް ފަސޭހަ ކަމަކަށް ނުވާނެއެވެ. އެ ގޮތުން އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހިމެނެއެވެ. މީގެ އިތުރުން ދަގަނޑޭ އަކީ ސާފް ޗެމްޕިއަންޝިޕްގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!