އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ، އެ ޤައުމުން އިސްރާއީލަށް ހަތިޔާރު ވިއްކުމަށް ދޫކޮށްފައިވާ 30 ލައިސަންސް ހިފަހައްޓާފައިވާކަމަށް ބައިނަލްއަޤްވާމީ ޚަބަރުތައް ބުނެފިއެވެ.

މިއީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމައިގައި ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކާ އެއްގޮތަށް ޢަމަލުކުރަމުންދޭތޯ ބެލުމަށްފަހު ނިންމި ނިންމުމެކެވެ.

Ad
rt

އިނގިރޭސިވިލާތުގެ ޑިޕްލޮމެޓިކް ކޮރެސްޕޮންޑެންޓް ޕޯލް އެޑަމްސް ވިދާޅުވި ގޮތުގައި، ހިފަހައްޓާފައިވާ 30 ލައިސަންސްގެ ތެރޭގައި ހިމެނެނީ އަސްކަރީ މަތިންދާބޯޓު، ހެލިކޮޕްޓަރު، ޑްރޯން އަދި ބިމުގައި ޓާގެޓް ކުރުމަށް ބޭނުންކުރާ ތަކެތީގެ ބައިތަކެވެ. ސަރުކާރުގެ އޮފިޝަލުން ބުނާ ގޮތުގައި، މި ތަކެތި އިސްރާއީލަށް ވިއްކައިފިނަމަ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކާ ޚިލާފަށް ބޭނުންކުރުމުގެ ނުރައްކާ އެބައޮތެވެ.

ނަމަވެސް މިއީ ފުރިހަމަ ހަތިޔާރު އެމްބާގޯއެއް ނޫން ކަމަށާއި، އައި.ސީ.ޖޭ އަދި އައި.ސީ.ސީ ފަދަ ބައިނަލްއަޤްވާމީ ކޯޓުތަކުގެ ނިންމުންތަކަށް އަސަރުކުރާނެ ކަމެއް ނޫން ކަމަށްވެސް އޮފިޝަލުން ވަނީ ބުނެފައެވެ.

މި ނިންމުން ނިންމާފައިވަނީ ބްރިޓިޝް ސަމަރ ޓައިމްގެ 16:32 ގައެވެ. އަދި މިއީ އިސްރާއީލަށް ދޫކޮށްފައިވާ 350 އެކްސްޕޯޓް ލައިސަންސްގެ ތެރެއިން 30 ލައިސަންސް ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.