ދެކުނު ކޮރެއާގައި ޑިޖިޓަލް ޖިންސީ ކުށްތައް އިތުރުވަމުންދާކަމަށް ބުނެ އެޤައުމުގެ ރައީސް ޔޫން ސުކް ޔޯލް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިގޮތުން އަންހެނުންނާއި ކުޑަކުދިން އަމާޒުކޮށްގެން ހަދާ ޑީޕްފޭކް ޕޯނޯގްރަފީގެ މައްސަލަތައް އިތުރުވަމުންދާކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

Ad
rt

ރައީސް ޔޫން ވިދާޅުވި ގޮތުގައި މިފަދަ ޑީޕްފޭކް ވީޑިއޯތައް ސޯޝަލް މީޑިއާގައި ފުޅާ ދާއިރާއެއްގައި ދަނީ ދައުރުވަމުންނެވެ. އަދި ސްކޫލްތަކާއި ޔުނިވަރސިޓީތަކުގައި ޓެލެގްރާމް ޗެޓް ގްރޫޕްތައް އުފެދެމުންދާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިފަދަ ގްރޫޕްތަކުގައި މީހުން ދަނީ އެމީހުންނަށް އެނގޭ މީހުންގެ ފޮޓޯ، މިސާލަކަށް މުދައްރިސުންނާއި ކްލާސްމޭޓުންގެ ފޮޓޯ، އަޕްލޯޑްކޮށް އެފޮޓޯތައް ބޭއަދަބީ، ޖިންސީ ގޮތުން ކަނޑައެޅިގެން ނުރަނގަޅު ޑީޕްފޭކް އިމޭޖްތަކަށް ބަދަލުކުރަމުންނެވެ.

ކޮރެއާގެ ޓީޗަރުންގެ ޔޫނިއަނުން ލަފާކުރާ ގޮތުގައި 200 އަށްވުރެ ގިނަ ސްކޫލަށް މިފަދަ ޙަރަކާތްތަކުގެ ސަބަބުން ވަނީ އަސަރުކޮށްފައެވެ.

މިކަމާ ގުޅިގެން ރައީސް ޔޫން ވަނީ މިފަދަ ޑިޖިޓަލް ޖިންސީ ކުށްތައް ނައްތާލުމަށްޓަކައި ފުޅާ ދާއިރާއެއްގައި ތަޙުޤީޤުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް އިރުޝާދު ދެއްވާފައެވެ.