ވިސާ ފުރިހަމަ ނޫން 273 ބިދޭސީންނަށް ނޯޓިސް ދީ، ގަވާއިދާ ޚިލާފަށް ބިދޭސީންލައްވާ މަސައްކަތްކުރުވި 120 ދިވެހިންނަށް ނަސޭހަތް ދީފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ވަނީ އޯގަސްޓް 28 ވަނަ އެދުވަހުގެ ހަވީރު 16:00 އިން 18:00 އަށް، މާލެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ހާއްސަ ޚަރަކާތެއް ހިންގާފައެވެ.

Ad
rt

މި ހަރަކާތުގައި ފާހަގަވި ވިސާ ފުރިހަމަ ނޫން 273 ބިދޭސީންނަށް ނޯޓިސް ދީފައިވާއިރު، ގަވާއިދާ ޚިލާފަށް ބިދޭސީންލައްވާ މަސައްކަތްކުރުވި 120 ދިވެހިންނަށް ލިޔުމުން ނަސޭހަތް ދީފައިވާކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

މި ހަރަކާތުގެ ތެރެއިން ރާއްޖޭގައި ފިލައިގެން އުޅޭ ކަމަށް ރިޕޯޓު ކޮށްފައިވާ ބިދޭސީންގެ ތެރެއިން 10 މީހަކު ހޯދައި، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

މި ހަރަކާތް ހިންގި ދެ ގަޑިއިރުތެރޭ އެތަނުގެ އޮފިސަރުން ވަނީ މާލޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 582 ތަނެއް ބަލައި ފާސްކޮށްފައެވެ. އަދި 1,025 ބިދޭސީންނާ ވަނީ ސުވާލުކޮށްފައެވެ.

މިގްރޭޝަނުން ފާހަގަކޮށްފައިވާގޮތުގައި މި ހަރަކާތަކީ، އިމިގްރޭޝަންގެ 74 އަހަރުވީ ދިގު ތާރީހުގައި، މިހާތަނަށް އެންމެ ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވެ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ހިންގުނު އެންމެ ބޮޑު ހަރަކާތެވެ.

އިއްޔެގެ ހަރަކާތުގައި އެތަނުގެ 211 އޮފިސަރުން ބައިވެރިވެފައިވާއިރު، 52 ގްރޫޕަކަށް ބަހާލައިގެން މާލެ ސަރަހައްދުގެ 26 ޒޯނެއް ބަލައި ފާސްކޮށްފަވެއެވެ.