އދ.ގެ އޭޖެންސީތަކުން ޣައްޒާގައި ޕޯލިއޯ ވެކްސިން ދޭން ފަށަން ތައްޔާރުވަމުން އެބަދެއެވެ.
ޣައްޒާގައި ޕޯލިއޯގެ ފުރަތަމަ ކޭސް 25 އަހަރަށްފަހު ފެނުމާ ގުޅިގެން، ޔޫއެން އޭޖެންސީތަކާއި ޣައްޒާގެ ސިއްހީ އިދާރާތަކުން 640،000 ކުޑަކުދިންނަށް ޕޯލިއޯ ވެކްސިން ދިނުމުގެ ކެމްޕޭނެއް ފަށައިގަތުމަށް ވަނީ ނިންމާފައެވެ. މި ކެމްޕޭން ފެށުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުންނެވެ.
މި ކެމްޕޭން ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ އިސްރާއީލުގެ ސިފައިންނާއި ހަމާސްގެ މުޖާހިދުންގެ މެދުގައި ހިނގަމުންދާ ހަނގުރާމަ ވަގުތީގޮތުން ހުއްޓާލައިގެންނެވެ. ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ބުނާ ގޮތުގައި މި ކެމްޕޭން ކާމިޔާބު ވާނީ 10 އަހަރުން ދަށުގެ މަދުވެގެން 90 އިންސައްތަ ކުދިންނަށް ކުރު މުއްދަތެއްގެ ތެރޭގައި ވެކްސިން ދެވިއްޖެނަމައެވެ.
ޔޫއެންގެ މާހިރެއް ވިދާޅުވި ގޮތުގައި، އިތުރު ކުދިންނަށް ޕޯލިއޯ ޖެހުމުގެ ފުރުސަތު އޮތްއިރު، މި ބަލި ކޮންޓްރޯލް ނުކުރެވިއްޖެނަމަ މުޅި ސަރަހައްދަށް ފެތުރުމުގެ ބިރު އޮތެެއެވެ.
މެދު ޣައްޒާގެ ޓެންޓު ކޭމްޕެއްގައި ދިރިއުޅޭ ނިވީން ނަމަކަށް ކިޔާ މަންމައަކު ބީބީސީއަށް ބުނި ގޮތުގައި އޭނާގެ ދަރިފުޅު އަބްދުއްރަހުމާން އަބޫ ޖުދްޔާންއަށް ޕޯލިއޯ ޖެހުމުން އެއް ފައި ބައެއް މިންވަރަށް މަޑުޖެހިފައިވެއެވެ. އަދި މިހާރު އޭނާއަށް ހިނގާ އުޅެވިދާނެ ކަމާމެދު ޝައްކު އުފެދިފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.
އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ހަމަލާއާ ގުޅިގެން އަބްދުއްރަހުމާންއަށް ދޭންޖެހޭ ވެކްސިން ނުދެވި ވަނީ ހުއްޓިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!