ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ރައީސް ޔާމީންގެ ހައްގުގައި ކުރެވެން އޮތް ހުރިހާ މަސައްކަތެއްގައި އަމަލީގޮތުންނާއި މާލީގެ ގޮތުންވެސް އެހީތެރިވެދެއްވިކަމަށާއި، އެމަސައްކަތްކުރެއްވީ ހިތްނިޔަތް ސާފުކަމާއެކުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އަމިއްލަ ޓީވީ ޗެނެލްއެއްކަމަށްވާ ސަންގު ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ވިދާޅުވީ، ރައީސް ޔާމީނުގެ މައްޗަށް އެމްޑިޕީގެ ސަރުކާރުން ދައުވާއުފުލައިކަންކަން ފެށި ހިސާބުން ފެށިގެން ވެސް އެމަނިކުފާނު ހުންނެވީ ޔާމީންގެ ދިފާއުކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ވިސްނުންފުޅުގައި ޔާމީން މިނިވަންކުރުންނޫން އެއްވެސް ވިސްނުންފުޅެއް، ޚިލާލެއްވެސް ނެތް ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރައީސް ޔާމީނަށް ދެވަނަ ދައުރަކަށް އިންތިޚާބުކުރުމަށް އިސް ދައުރެއް އަދާކޮށްދޭން ތައްޔާރަށް ހުންނެވިކަމަށް އަމިއްލަފުޅަށް އޭރު ރައީސް ޔާމީނު އަރިހުގައި އެމަނިކުފާނު ދެންނެވިއެވެ. އަދި ޔާމީން އެ ފުރުސަތު ދެއްވިކަމަށާއި، ޔާމީން ޖަލަށް ގެންދިޔުމުން މިނިވަންކުރުމަށް ކުރި ހުރިހާ މަސައްކަތެއްގައިވެސް ބައިވެރިވެވަޑައިގަތްކަމަށް ރައީސް ވިދާޅުވިއެވެ.
''ރައީސް ޔާމީނަށް އިއްވެވި ފުރަތަމަ ހުކުމް ބާތިލްކުރުމަށް ސުޕްރީމް ކޯޓުން ނިންމެވި ހިސާބުން ވަރަށް އުފާވެރި އިހުސާސްތަކެއް ކުރެވުނު. އެއީ އެހާ ދުވަހު އެ މަސައްކަތުގައި އުޅެވުނީމަ" ރައީސް ވިދާޅުވެފަވެއެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނު މަސައްކަތްޕުޅު ކުރެއްވީ ޔާމީން މިނިވަން ކުރެވޭނެ ގޮތްތަކެއް ހޯދޭތޯކަމަށާއި، އެމަށް އާދޭސްކޮށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފޯނަށް ފޮނުއްވި މެސެޖުތައް ޑިލީޓް ނުކުރައްވާ ހުރިނަމަ ހުންނާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ރައީސް ސޯލިހުގެ އަރިހުގައި ޔާމީން ރޯދައަށް ގެއަށް ބަދަލުކޮށް ދިނުމަށާއި، އެމަނިކުފާނުގެ ދަރިފުޅުގެ އޯލެވެލް ގާތް ވާތީ ހަމައެކަނި އެދުވަސްކޮޅަށް ގެޔަށް ބަދަލުކޮށްދިނުމަށް އާދޭސްކުރައްވާ ތަކުރާރުކޮށް މެސެޖު ކުރައްވާފައިވާނެ ކަމަށެވެ. އަދި ބާރު ހުރި އެތައް ވަޒީރަކަށް މެސެޖުކުރައްވާ އޭރު ރައީސްގެ ލެވެލްގައާއި، ޕާޓީގެ ލެވެލްގައި ވެސް ވަރަށް ގިނަ ކަންކަން ކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އޭރު އިދިކޮޅުގައި ޕީޕީއެމް އޮވެގެން ރައީސް ޔާމީންގެ ހައްގުގައި ކުރެވެން އޮތް ހުރިހާ މަސައްކަތެއްގައި އަމަލީގޮތުން އެހީތެރިވުމުގެ އިތުރުން، މާލީގެ ގޮތުންވެސް އެހީތެރިވެދެއްވިކަމަށެވެ.
ރައީސް ވިދާޅުވީ އެ ހުރިހާ މަސައްކަތެއްގައި ވެސް ޔާމީނާމެދު އެމަނިކުފާނުގެ ހިތްނިޔަތް ސާފުކަމަށެވެ. އަދި އަމަލާއި ބަަހުންނާއި، ހިތާއި ނިޔަތުން ވެސް ޔާމީން މިނިވަންކުރުންނޫން އެހެންކަމެއް ފެންނަން ނޯންނާނެކަމަށް ވިދާޅުވިއެވެ.
"އޭރުވެސް މިއަދުވެސް އަދި މާދަމާވެސް އެމަނިކުފާނާމެދު އަޅުގަނޑުގެ ހިތުގައި އޮންނާނީ ގަދަރު. އަބަދުވެސް އޮންނާނީ ޤަދަރު" ރައީސް ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!