ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި ލަސް ޕަލްމާސް ބައްދަލުކުރި މެޗު އެއްވަރުވެ މުހިންމު ދެ ޕޮއިންޓް ރެއާލަށް ގެއްލިއްޖެއެވެ.
ރޭ ޕަލްމާސްގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއިންނެވެ. ލީގުގައި ރެއާލުން އެންމެ ފަހުން ކުޅުނު ދެ މެޗު ވެސް މިވަނީ އެއްވަރުވެފައެވެ. ދެ މެޗުން އެއްވަރުވެ ގެއްލުނު ހަތަރު ޕޮއިންޓާއިއެކު ތިން މެޗުން ފަސް ޕޮއިންޓް ހޯދައިގެން ރެއާލް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ހަތަރު ވަނާގައެވެ. އެއްވަނާގައި ކުޅުނު ތިން މެޗުން 9 ޕޮއިންޓް ހޯދައުގެން އޮތީ ބާސެލޯނާއެވެ.
ރޭ މެޗު ފެށިތާ ފަސްމިނެޓް ތެރޭ ޕަލްމާސް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު މެކްބްރެއިން ތަނަވަސް ކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކޮށްދިނީ މޮލެއިރޯއެވެ.
މުޅި މެޗު ކޮންޓްރޯލް ކޮށްގެން ރެއާލުން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ޕަލްމާސްގެ ކީޕަރު ވަނީ ރެއާލުގެ ހަމަލާތައް ހުއްޓުވުމުގައި މޮޅު ކުޅުމެއް ދައްކާފައެވެ. ރެއާލުން ނަތީޖާ ހަމަހަމަ ކުރީ 69 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީން ވިނީސިއަސް ޖޫނިއާއެވެ. ރެއާލަށް މި ޕެނަލްޓީ ލިބިފައި ވަނީ އޭރިއާ ތެރެއިން ޕަލްމާސްގެ ޑިފެންޑަރ އަލެކްސް ސުއަރޭޒް އަތުގައި ބޯޅަ ޖެހުމުންނެވެ.
ލީގުގައި ރެއާލުން ކުޅުނު ތިން މެޗުގައި ވެސް ފުރަތަމަ އެގާރާގައި ހިމެނިގެން އެމްބާޕޭ ކުޅުނެވެ. ނަމަވެސް ލީގުގައި މިހާތަނަށް އޭނާއަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!