ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް އިއްޔެ މޯލްޑިވްސް އިމިގްރޭޝަނުން ހިންގި ހަރަކާތުގައި ބިދޭސީން އުޅޭ 582 ބަލާފާސްކޮށްފިއެވެ.

އިމިގްރޭޝަނުން އިއްޔެ ހަވީރު 16:00 އިން 18:00 އަށް ވަނީ މާލެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ހާއްސަ ޚަރަކާތެއް ހިންގާފައެވެ.

Ad
rt

އިމިގްރޭޝަނުން މިއަދު އާންމުކުރި މައުލޫމާތަށް ބަލާއިރު އިއްޔެ މި ހަރަކާތް ހިންގި ދެ ގަޑިއިރުތެރޭ އެތަނުގެ އޮފިސަރުން ވަނީ މާލޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 582 ތަނެއް ބަލައި ފާސްކޮށްފައެވެ. އަދި 1,025 ބިދޭސީންނާ ވަނީ ސުވާލުކޮށްފައެވެ.

އިމިގްރޭޝަނުން ފާހަގަކޮށްފައިވާގޮތުގައި މި ހަރަކާތަކީ، އިމިގްރޭޝަންގެ 74 އަހަރުވީ ދިގު ތާރީހުގައި، މިހާތަނަށް އެންމެ ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވެ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ހިންގުނު އެންމެ ބޮޑު ހަރަކާތެވެ.

އިއްޔެގެ ހަރަކާތުގައި އެތަނުގެ 211 އޮފިސަރުން ބައިވެރިވެފައިވާއިރު، 52 ގްރޫޕަކަށް ބަހާލައިގެން މާލެ ސަރަހައްދުގެ 26 ޒޯނެއް ބަލައި ފާސްކޮށްފަވެއެވެ.

ބިދޭސީން ފާސްކުރުމަށް ބޮޑު އޮޕަރޭޝަނެއް، 52 ގްރޫޕަކަށް ބަހާލައިގެން 211 އޮފިސަރުން ބައިވެރިވޭ

މި ހަރަކާތުގެ މަޤްސަދަކީ މާލެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަނެ، އެފަރާތްތަކަށް އިމިގްރޭޝަނަށް ހާޒިރުވުމަށް އެންގުމާއި، ގަވާއިދާ ޚިލާފަށް ބިދޭސީން ލައްވައި މަސައްކަތްކުރުވާ ދިވެހިންނަށް ލިޔުމުން ނަސޭހަތްދިނުމެވެ. މި ހަރަކާތުން ހޯދޭ މަޢުލޫމާތުގެ އެހީގައި މި މައްސަލައާ ގުޅިގެން މާލެ ސަރަހައްދުގެ ހާލަތު ދެނެގަނެވޭނެކަމަށް އިމިގްރޭޝަނުން ބުނެފަވެއެވެ.