ދިވެހިރާއްޖޭގެ މާލީ ނިޒާމަށް ގޮންޖެހުން ކުރިމަތިވިޔަސް މާލީ ހާލަތު ރަނގަޅުވެ، ގުޅިގެން ކުރެވޭ މަސައްކަތުން އެދެވޭ ނަތީޖާއެއް ނެރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.

ފިޗް ރޭޓިންސް (ފިޗް) އިން މިއަދު ވަނީ ރާއްޖޭގެ ލޯންގް ޓާމް ފޮރިން ކަރަންސީ އިޝޫއާ ޑިފޯލްޓް ރޭޓިން "ސީސީސީ+" އިން "ސީސީ" އަށް ބަދަލުކޮށްފައެވެ.

Ad
rt

މިއާއިއެކު ރާއްޖޭގެ ކްރެޑިޓް ރޭޓިންއާ ބެހޭ ގޮތުން ފިޗުން ނިންމާފައިވާ ނިންމުމާ ގުޅޭ ގޮތުން މަރުކަޒީ ބޭންކަށް ފާހަގަވާ ކަންތައްތައް މިއަދު ވަނީ އާންމުކޮށްފައެވެ.

މިގޮތުން މަރުކަޒީ ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމާއި ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދު ކުރިއެރުވުމަށް ރާވައިފައިވާ ކަންކަމާއި އިސްތިރާޖީ ގޮތުން ގެނެވޭ ހަރުދަނާ ބަދަލުތަކަށް ރިއާޔަތްކުރުމަކީ މުހިއްމުކަމެއް ކަމަށެވެ. މިގޮތުން، ފަތުރުވެރިކަމުގެ ސިނާއަތާއި އެހެނިހެން މައިގަނޑު އިގްތިސާދީ ސިނާއަތްތައް ކުރިއަރަމުންދާތީ ރާއްޖޭގެ އިގްތިސާދު ދާނީ ކުރިއަށްކަމަށް އެމްއެމްއޭއިން ބުނެފަވެއެވެ.

އެމްއެމްއޭއިން ބުނިގޮތުގައި މި ހިނގާ އޯގަސްޓް މަހުގެ 27ގެ ނިޔަލަށް ރާއްޖެ ފަތުރުވެރިން ޒިޔާރަތްކުރި އަދަދު، މިދިޔަ އަހަރާ އަޅާބަލާއިރު 11% އިން ވަނީ އިތުރުވެފައެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ބެޑް ނައިޓްސް ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 7% އިން އިތުރުވެފައެވެ. މިފަދަ ސަބަބުތަކާ އެކު މިއަހަރުގެ ގައުމީ އުފެއްދުންތެރިކަން 4.9% ކުރިއަރާނެ ކަމަށް އެ ބޭންކުން ވަނީ ލަފާކޮށްފައެވެ. އަދި 2025 ވަނަ އަހަރު ގައުމީ އުފެއްދުންތެރިކަން 6.5% އަށް މަތިވާނެކަމަށް ވެސް ލަފާކޮށްފަވެއެވެ.

''މީގެ މައިގަނޑު އެއް ސަބަބަކީ މިއަހަރު ފަހުކޮޅު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވެ މި ސިނާއަތް ކުރިއަރާނެ ކަމަށް ލަފާކުރެވުމެވެ. އެހެންކަމުން ބެލެންސް އޮފް ޕޭމަންޓް ކަރަންޓް އެކައުންޓް ޑެފިސިޓް 2023 ގައި 21.4% ގައި ހުރުމަށް ފަހު 2024 ވަނަ އަހަރު މިއަދަދު ހުންނާނެ ކަމަށް ލަފާކުރެވެނީ 19.9% ގައެވެ.'' އެމްއެމްއޭއިން ބުނެފަވެއެވެ.

މީގެ އިތުރުން އެމްއެމްއޭއިން ވަނީ ރާއްޖޭގެ ރަސްމީ ރިޒާވް މިދިޔަ އަހަރުގެ ޖުލައި މަހާއި މިއަހަރުގެ މިމުއްދަތުގައި ރިޒާވްގައި ހިމެނޭ ބައިތައް ތަފާތުވެފައިވާތީވެ އަޅާކިޔުމުގައި ނަޒަރަކުން ވެސް ބައެއް ކަންކަން ފާހަގަކޮށްފައެވެ. އެ ކަންތައްތަކަކީ،

  • ރާއްޖޭގެ ރަސްމީ ރިޒާވްގައި މިއަހަރުގެ ޖުލައި މަސް ނިމުނު އިރު ހުރީ 395 މިލިއަން ޑޮލަރު، އަދި ޔޫޒަބަލް ރިޒާވް ހުރީ 45 މިލިއަން ޑޮލަރުކަން،
  • މިދިޔަ އަހަރުގެ މި މުއްދަތު ތެރޭގައި ރިޒާވް ބޭންކް އޮފް އިންޑިއާއިން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ސްވޮޕް ހިމަނައިގެން ޖުމުލަ ރިޒާވް ހުރީ 594 މިލިއަން ޑޮލަރުކަން އަދި ބޭނުންކުރެވޭ ރިޒާވްގައި ހުރީ 129 މިލިއަން ޑޮލަރުކަން،
  • މި އަދަދުގެ ތެރޭގައި 2019 ވަނަ އަހަރު ޑިސެންބަރުން ފެށިގެން ސަރުކާރުން ސޮވެރިން ޑިވަލޮޕްމަންޓް ފަންޑަށް ޖަމާކުރަމުންދިޔަ ޑޮލަރު މާރުކުރުމަށްފަހު ރިޒާވަށް ބޭނުންކުރުމަށް ދީފައިވާ ފައިސާ ހިމެނޭކަން،
  • 2023 ވަނަ އަހަރުގެ ނޮވެންބަރު މަސް ނިމުނު އިރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑްގެ ޔޫއެސް ޑޮލަރު ކަސްޓޯޑިއަން އެކައުންޓްގައި ހުރީ 5 މިލިއަން ޑޮލަރު މި އަދަދު މިހާރު ވަނީ 65 މިލިއަން ޑޮލަރަށް އިތުރުވެފައިކަން، މީގެ މައިގަނޑު ސަބަބަކީ ސޮވަރިން ޑިވެލޮޕްމަންޓަށް ވަންނަ ޑޮލަރު މާރުނުކޮށް އެ ފަންޑުގައި ބަހައްޓަމުން ދިއުންކަން،
  • ޔޫޒަބަލް ރިޒާވްގެ އަދަދު ހިމަނައިގެން، ޖުލައި 2024ގެ ނިޔަލަށް ޖުމުލަ 105 މިލިއަން ޑޮލަރު ހުރިކަން،
  • މިއަހަރުގެ ނިޔަލަށް ޔޫސަބަލް ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ހިމަނައިގެން ރާއްޖޭގެ ރަސްމީ ރިޒާވް 2024ގެ ބަޖެޓަށް އަންދާޒާ ކުރި އަދަދު ކަމުގައިވާ 606 މިލިއަން ޑޮލަރަށްވުރެ އިތުރުވެގެންދާނެ ކަމަށް އަންދާޒާކުރެވޭކަން،

ރާއްޖޭގެ ރަސްމީ ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތް

އެމްއެމްއޭން ބުނީ، ރާއްޖޭގެ ރަސްމީ ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ސަރުކާރާއި އެ އޮތޯރިޓީ ގުޅިގެން ރީފައިނޭންސް ގްރީން ބޮންޑެއް އިޝޫކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި މީގެ އިތުރުން، ސާކް ފްރޭމްވާކްގެ ދަށުން ރިޒާވް ބޭންކް އޮފް އިންޑިއާ އާއެކު 400 މިލިއަން ޑޮލަރުގެ ފޮރިން ކަރަންސީ ސްވޮޕް އެރޭންޖްމަންޓެއް ގާއިމުކުރުމުގެ ފަންނީ ހުރިހާ މަސައްކަތެއް ނިމި، މި އެރޭންޖްމަންޓްގައި ސޮއި ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރުގައި އެކްސްޗޭންޖް ރޭޓް ދެމެހެއްޓުމަށްޓަކައި ދިމާވެފައިވާ މައިގަނޑު ގޮންޖެހުން

އެމްއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރުގައި އެކްސްޗޭންޖް ރޭޓް ދެމެހެއްޓުމަށްޓަކައި ދިމާވެފައިވާ މައިގަނޑު ގޮންޖެހުމަކީ ކޮވިޑް 19ގެ އާލަމީ ވަބާއަށް ފަހު ސަރުކާރުގެ ކޭޝްފްލޯ މެނޭޖްކުރުމަށްޓަކައި ފައިސާ ޗާޕްކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގައި ރުފިޔާ ސާޕްލަސް ލިކުއިޑިޓީ އިތުރުވެފައިވުމެވެ. މިގޮތުން، ފާއިތުވި ޖުލައި މަސް ނިމުނު އިރު ބޭންކިން ނިޒާމުގައި ސާޕްލަސް ލިކުއިޑިޓީ ހުރީ އެވްރެޖްކޮށް 6.7 ބިލިއަން ރުފިޔާގައިކަން އެމްއެމްއޭއިން ވަނީ ފާހަގަކޮށްފައެވެ.

''މީގެ ސަބަބުން ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ކުޑަކުރުމަށްޓަކައި، ބޭންކިން ނިޒާމުގައި އިތުރުވެފައިވާ ސާޕްލަސް ލިކުއިޑިޓީ މަނިޓަރީ ވަސީލަތްތައް ބޭނުން ކޮށްގެން ބޭންކިން ނިޒާމުން ނެގުމަށް (މޮޕް-އަޕް ކުރުމަށް) މި އޮތޯރިޓީން މިއަންނަނީ ތައްޔާރުވަމުންނެވެ.'' އެމްއެމްއޭން އިން ބުނެފަވެއެވެ.

މީގެ އިތުރުން، ރާއްޖޭގައި ހަރަކާތްތެރިވާ ވިޔަފާރި ބޭންކްތަކަށް ދިމާވެފައިވާ ބޭރު ފައިސާގެ ލިކުއިޑިޓީގެ ގޮންޖެހުންތަކަށް ލުއެއް ހޯދައި ދިނުމުގެ ގޮތުން އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ އިންސްޓްރުމެންޓްތަކަށް ބަދަލުތަކެއް ގެނައުމަށް ބޯޑުން ވަނީ ނިންމާފައިވާކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

މިކަންތައްތަކާއެކު އެމްއެމްއޭއިން ވަނީ ސަރުކާރުގެ މެދުރާސްތާގެ ފިސްކަލް އަދި ޑެޓް ސްޓްރެޓެޖީ އާ އެއްގޮތްވާގޮތުގެ މަތިން ޚަރަދު ކުޑަކުރުމަށާއި އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތު މިހާރަށްވުރެ ރަނގަޅުވާނެ ކަމަށް އަންދާޒާކޮށްފައެވެ.

ރާއްޖޭގެ މާލީ ނިޒާމަށް ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީ އާއި ސަރުކާރުގެ ކަމާގުޅުންހުރި ވުޒާރާތަކާއި މާލީ ހުރިހާ އިދާރާތައް އެކުވެގެން ކުރާ މަސައްކަތުން އެދެވޭ ނަތީޖާއަކަށް ވާސިލްވެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް މަރުކަޒީބޭންކުން ވަނީ ބުނެފައެވެ.