ސްޕެއިންގެ ބާސެލޯނާއަށާއި އިންގްލެންޑްގެ މެންޗެސްޓާ ސިޓީއަށް ކުޅުނު ޗިލީގެ އިތުބާރު ގޯލް ކީޕަރ ކްލައުޑިއޯ ބްރާވޯ، އުމުރުން 41 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ.

އޭނާ ފުޓްބޯޅަ ކެރިއާ ފަށާފައި ވަނީ ޗިލީގެ ދެވަނަ ޑިވިޝަންގެ ޓީމެއް ކަމަށްވާ ކޯލޯ-ކޯލޯ އިންނެވެ. އެ ޓީމަށް ދެ އަހަރު ކުޅުމަށް ފަހު 2006 ވަނަ އަހަރު އޭނާ ބަދަލުވީ ސްޕެނިޝް ލީގުގެ ރިއާލް ސޮސިއެޑާޑްއަށެވެ. އެ ޓީމުގައި 8 ސީޒަން ހޭދަކުރިއިރު، 2010 ވަނަ އަހަރު ލަލީގާއަށް އެ ޓީމް ޕްރޮމޯޓް ކޮށްދިނުމުގައި އޭނާގެ ހިއްސާ ބޮޑެވެ.

Ad
rt

އެއަށްފަހު އޭނާ 2014 ވަނަ އަހަރު ބަދަލުވީ ބާސެލޯނާއަށެވެ. ބާސާއާއި އެކު ސްޕެނިޝް ލީގު ދެ ފަހަރު ކާމިޔާބު ކުރިއެވެ. އެއީ 2014/15 އަދު 2015/16 އެވެ.

އޭނާ މެންޗެސްޓާ ސިޓީއަށް ބަދަލުވީ 2016 ވަނަ އަހަރުއެވެ. ގާޑިއޯލާގެ އިރުޝާދެގެ ދަށުން ސިޓީގައި މާ އެދެވޭ ކުޅުމެއް ނުދެއްކުމުން އޭނާއަށް ގިނަވަ ގުތު ހޭދަކުރަން ޖެހުނީ އެ ޓީމްގެ ބެންޗްގައެވެ. ނަމަވެސް އޭނާ ވަނީ ސިޓީއާއިއެކު ޕްރިމިއާ ލީގާއި ލީގު ކަޕްގެ ޗެމްޕިއަންކަން ވެސް ހޯދާފައެވެ. ސިޓީގެ އެއްބަސްވުން 2020 ވަނަ އަހަރު ހަމަވުމުން އޭނާ ދެން ބަދަލުވީ ސްޕެނިޝް ލީގުގެ ރެއާލް ބެޓިސްއަށެވެ. އެ ޓީމާއިއެކު 2022 ވަނަ އަހަރު ކޮޕަ ޑެލް ރޭ މުބާރާތް ކާމިޔާބު ކުރިއެވެ. އެ އަހަރު ކޮޕަ އެމެރިކާގައި ޗިލީގެ ގޯލު ބެލެހެއްޓީ ވެސް އޭނާއެވެ.

ގައުމީ ޓީމަށް 150 މެޗު ކުޅެ އޭނާ ވަނީ، ގައުމީ ޓީމާއިއެކު ކޮޕަ އެމެރިކާ ދެ ފަހަރު ކާމިޔާބު ކޮށްފައެވެ. އެއީ 2015 އަދި 2016 ވަނަ އަހަރުގެ މުބާރާތެވެ.

ބްރާވޯގެ 22 އަހަރުގެ ފުޓްބޯޅަ ކެރިއާ ނިންމާލިކަން އިއުލާން ކޮށް ސޯޝަލް މީޑިއާގައި އާންމު ކުރި ޕޯސްޓަގައި އޭނާ ބުނީ މިވަގުތަކީ ހަޔާތުގައި ވަރަށް މުހިންމު ކަމެއް ނިންމާލެވުނު ވަގުތު ކަމަށާއި، މި ވަގުތަކީ މި ނިންމުން ނިންމަން އެންމެ ރަނގަޅު ވަގުތު ކަމުގައި ދެކޭކަމަށެވެ.