ދިވެހިރާއްޖޭގައި އުޅުއްވާ އެހެން ގައުމުތަކުގެ ސަފީރުންނަށާއި އެ ފަރާތްތަކުގެ އާއިލާއަށް ގޯނާ ކުރުމަކީ ފަލަސްތީނަށް ނަސްރު ދިނުން ނޫން ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގައި އުޅުއްވާ ސަފީރުންނާއި އެބޭފުޅުންގެ އާއިލާތަކަށް ގޯނާ ކުރުމަކީ ފަލަސްތީނަށް ނަސްރު ދިނުން ނޫން ކަމަށާއި، އެތަށް ދުވަހެއް ވަންދެން ވަކި ސަފީރެއްގެ ގޭދޮށުގައި އަޑުގަދަކޮށް ރާއްޖެއިން ފައިބަން ގޮވައި އެބޭފުޅާއާއި އާއިލާއަށް ބިރު ދެއްކުމަކީ އިންސާފެއް ވެސް ނޫން ކަމަށެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައި މިވަނީ، އިނގިރޭސިވިލާތުގެ އެމްބަސީ އާއި ޖަރުމަން އެމްބަސީއާއި ޔޫއެން އޮފީގެ އިތުރުން އިނގިރޭސިވިލާތު އެމްބަސަޑަރު އަދި ސައުދީ އެމްބަސެޑަރު ހުންނަވާ ގެކޮޅު ކައިރީގައި، އިސްރާއީލާ ދެކޮޅަށް ތަކުރާރުކޮށް އަޑުއުފުލަމުންދިޔަ ދެ އަންހެނަކު އިއްޔެ ފުލުހުން ހައްޔަރު ކޮށްފައި ވަނިކޮށެވެ.
ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުންކޮށްގެން ބޭއަދަބީ ބަހުރުވައިން މުއާމަލާތުކޮށް ފުލުހުންނަށް ނުކިޔަމަންތެރިވިކަމުގެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ، ކ.މާލެ ބަޑިކުޅިމާގެ، ޢާއިޝަތު ޝާދިޔާ (47އ) އާއި ގދ. ރަތަފަންދޫ، ލިލީގެ، ޑރ. ޝަޛުރާ އިބްރާހީމް (36އ) އެވެ.
މިކަމާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ބޭނުން ކުރުމުގައި ސުލްހަވެރި ކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ހުރުމަތްތެރިކޮށް ހިތުމަށާއި ފުލުހުންގެ އިރުޝާދުތަކަށް ތަބާވުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރާކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!