ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މިއަދު މެންދުރުފަހު 15:45 ގައި އެ ކުންފުނީގެ އައު ކޮންޓެކްޓް ސެންޓަރ ހޮޓްލައިން ނަންބަރު 1545 ތަޢާރަފުކޮށްފިއެވެ.
މި ހޮޓްލައިން ތަޢާރަފުކޮށްފައިވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މިއަދު ބޭއްވި ލައިވް ޕްރިމިއަރއެއްގައެވެ.
ސްޓެލްކޯއިން މަޢުލޫމާތު ދެއްވިގޮތުގައި މިއީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ފަސޭހަކަމާއެކު ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފަށާފައިވާ އައު މަސައްކަތެކެވެ.
މި ހޮޓްލައިން މެދުވެރިކޮށް ސްޓެލްކޯއިން ފޯރުކޮށްދޭ ހުރިހާ ޚިދުމަތަކާ ގުޅޭ މަޢުލޫމާތު ހޯދުމާއި، ކަރަންޓު ބިލްތަކާ ގުޅޭ ޝަކުވާތައް ހުށަހެޅުމާއި، އަދި ކުންފުންޏާ ގުޅުންހުރި އެހެނިހެން ކަންކަމުގައި މުޢާމަލާތު ކުރެވޭނެއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މިއަދު ވިދާޅުވީ، ސްޓެލްކޯގެ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، ސްޓެލްކޯ ކެއަރގެ ޚިދުމަތާއެކު ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށްވެސް ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރާ މުޢާމަލާތު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށެވެ.
"ސްޓެލްކޯއިން ފޯރުކޮށްދެމުންދާ ހުރިހާ ޚިދުމަތަކާއި ގުޅުންހުރި މަޢުލޫމާތާއި، ކަރަންޓު ބިލްތަކާއި ގުޅުންހުރި ޝަކުވާތަކާއި، ކުންފުންޏާއި ގުޅުންހުރި އެނޫންވެސް ކަންކަމުގައި ސްޓެލްކޯގެ ހޮޓްލައިން 1545 މިހާރު ބޭނުން ކުރެވޭނެ. މީގެ އިތުރުން ސްޓެލްކޯގެ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، ސްޓެލްކޯ ކެއަރގެ ޚިދުމަތާއިއެކު ވައިބާ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށް ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރާއި މުޢާމަލާތު ކުރެއްވޭނެ. އަޅުގަނޑުމެންގެ އަމާޒަކީ ސްޓެލްކޯއަކީ ހުރިހާ ގޮތަކުންވެސް ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ކަށަވަރުވެފައިވާ ކުންފުންޏެއްގެ ގޮތުގައި ދެމިއޮތުން."
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މިއަދު ވިދާޅުވެފައިވެއެވެ.
ސްޓެލްކޯގެ ޚިދުމަތުގެ ދިގު ތާރީޚުގައި، މިފަދަ ކޯލް ސެންޓަރެއްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ މިހާތަނަށް ނުކުރެވި އޮތް ކަމެއްކަމަށް ބުނެ، މިއަދު އެ ޚިދުމަތް ފެށުމަށް ވެފައިވާކަން ކުންފުނިން ފާހަގަކޮށްފައިވެއެވެ. ސްޓެލްކޯއިން މި ޚިދުމަތް ތަޢާރަފުކޮށްފައިވަނީ ރައްޔިތުންނަށް ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!