ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތައް ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢުއެއް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު އިފްތިތާޙުކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން ޢުމްރާ ދަތުރުގެ ފުރުސަތު ފުރަތަމަ އަރުވާފައިވަނީ އަލްޙާފިޡް ޢަލީ ރަޢީފުއަށެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އަލްޙާފިޡް ޢަލީ ރަޢީފުއަށް ލިޔުން ހަވާލުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ފުރަތަމަ ޢުމްރާ ދަތުރު އެރުވިފައިވަނީ ވަރަށް ހާއްސަ ޙާފިޡެއްކަމަށެވެ. އަލްޙާފިޡް އަލީ ރަޢީފުއަކީ އެއްވަނަ ދަރަޖައިގައި ޤުރުއާނުގެ އާޔަތްތަކުގެ ނަމްބަރާއެކު ހިތުދަސްކޮށްފައިވާ ޙާފިޡެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދީލަތި ފަރާތްތަކުގެ އެހީތެރިކަމާއެކުކަމަށާއި މިކަމަކީ ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ހިއްވަރު ދިނުމުގެ ގޮތުން ކުރައްވާކަމެއްކަމަށެވެ.

ޤުރުއާން ހިތުދަސް ކުރާ ފަރާތްތަކަށް ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢުއެއް ފެށުމަށް ހަމަޖެހިފައިވާކަން ވަޒީރު އިޢުލާން ކުރެއްވީ ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި މަޝްރޫޢުގެ ސަބަބުން ޤުރުއާން ހިތުދަސްކުރުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެކަމަށް އުއްމީދު ކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!