ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ޑޮލަރުން ޓެކްސް ނަގާ ގޮތަށް ގާނޫނަށް ގެންނަން ނިންމާފައިވާ ބަދަލާއި މެދު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) އިން އެއްވެސް ވަރަކަށް ދެކޮޅު ނޫންކަމުގައި އެ ޖަމިއްޔާއިން ބުނެފިއެވެ.
އެ ޖަމިއްޔާއިން މިހެން ބުނެފައި ވަނީ ޑޮލަރުން ޓެކްސް ނެގުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާއި މެދު އެ ޖަމިއްޔާއިން ދެކޭގޮތް ހާމަ ކުރުމަށް އިއްޔެ ނެރުނު ބަޔާނެއްގައެވެ.
ޑޮލަރުން ލިބޭ އާމްދަނީން ޑޮލަރުން ޓެކްސް ނެގުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމަށާއި އެއީ ގައުމުގެ އިގްތިޞާދަށް ކުރިއެރުމެއް އަންނާނެ ބަދަލެއް ކަމަށް އެ ޖަމިއްޔާއިން ގަބޫލުކުރާ ކަމުގައި އެ ބަޔާނުގައި ވެއެވެ.
މާލީ އިސްލާހުތައް ތަންފީޒު ކުރެވިގެން ދާއިރު އެއީ ފަތުރުވެރިކަމުގެ ދާއިރާގެ އަމަލީ ކަންކަމާއި އެއްގޮތްވާ ގޮތުގެ މަތިން ކުރެވޭ ކަމެއްތޯ ބެލުންމަކީ އެ ޖަމިއްޔާގެ އަމާޒެއް ކަމުގައި އެ ބަޔާނުގައި ވެއެވެ.
ހަރުދަނާ މާލީ ސިޔާސަތުތަކުގެ މުހިންމުކަމާއި އާމްދަނީ ހޯދުން އިތުރުކޮށް، ނިޒާމުގެ ތެރޭގައި ހުރި މައްސަލަތަކަށް އެކަށީގެންވާ ހައްލު ގެނެވޭނެފަދަ އިސްލާހްތަކެއް ގެނައުމުގެ މުހިންމުކަން ވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ޒަމާނުއްސުރެ ބޭނުންވެފައިވާ މި އިސްލާހުތަކަށް މިވަގުތަކީ ވަރަށް މުހިންމު ވަގުތެއްކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގެ މަސްލަހަތު ހިމާޔަތްކޮށް، ރާއްޖޭގެ އިގްތިޞާދަށް ފައިދާކުރާނެ ގޮތަކަށް ޖީއެސްޓީ ނެގުމުގެ ސިޔާސަތުތަކަށް ގެނެވޭ ކޮންމެ ބަދަލަކަށް އެ ޖަމިއްޔާގެ ފުރިހަމަ ތާއީދު ލިބޭނެ ކަމުގައި އެ ބަޔާނުގައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!