ޑެނީ އޮލްމޯ ބާސެލޯނާއަށް ކުޅެދިން ފުރަތަމަ މެޗުގައި ގޯލުޖަހައި އެ ޓީމް މޮޅުކޮށްދީފިއެވެ.
ރޭ ސްޕެނިޝް ލީގުގައި ބާސާއާއި ރަޔޯ ވަޔެކާނޯ ބައްދަލުކުރި މެޗު ފަހަތުން އަރާ ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ.
މިއީ ޖަރުމަނުގެ އާރުބީ ލައިޕްޒިގް ދޫކޮށް ބާސާއަށް ބަދަލުވެ އޮލްމޯ ބާސާއަށް ކުޅުނު ފުރަތަމަ މެޗެވެ. ބާސާގެ މާލީހާލަތާއި ގުޅިގެން އޮލްމޯ ރަޖިސްޓަރީ ކުރުމުގައި ދިމާވި ދަތިތަކާއިހެދި އޭނާއަށް ލީގުގައި ބާސާ ފުރަތަމަ ކުޅުނު ދެ މެޗުގައި ކުޅެވޭގޮތެއް ނުވިއެވެ.
މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ވަޔެކާނޯއިންނެވެ. ނުވަވަނަ މިނެޓުގައި މި ލަނޑު ޖަހައިދިނީ އުނާއީ ލޮޕޭޒްއެވެ. ފުރަތަމަ ހާފު ނިމުނީ ވަޔެކާނޯ ކުރީގައި އޮވެގެންނެވެ. ނަމަވެސް މެޗުގެ 60 ވަނަ މިނެޓުގައި ޕެޑްރީ ވަނީ ބާސާއަށް ލަނޑު ޖަހައިދީ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މެޗުން ބާސާ މޮޅުވި ލަނޑު 82 ވަނަ މިނެޓުގައި ޔަމާލް ތަނަވަސް ކޮށްދިން ފުރުސަތުގައި ޖަހައިދިނީ އޮލްމޯއެވެ. ސީޒަންގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެ 9 ޕޮއިންޓާއިއެކު ބާސާ މިވަގުތު އޮތީ ތާވަލުގެ އެއްވަނާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!