ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 9.86 މިލިއަން ރުފިޔާގެ (މަގުމަތީ އަގު) މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފައިވާކަމަށް މަޢުލޫމާތު ދީފިއެވެ.

އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި 0.680 ކިލޯގެ ކެތިނޯނާއި، 10.20 ކިލޯގެ ކެނެބިސް އަދި 0.740 ކިލޯގެ ހެރޮއިން ހިމެނެއެވެ. މިއީ ޖުމްލަ 11.62 ކިލޯގެ މަސްތުވާތަކެއްޗެވެ.

Ad
rt

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރި ކަމުގެ މަޢުލޫމާތެއް އަދި މިއީ ކޮން ގައުމަކުން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗެއް ކަމަމެއް ކަސްޓަމްސްއިން ހިއްސާކޮށްފައެއް ނުވެއެވެ.

މިތަކެތި އަތުލައިގަނެފައިވަނީ މިމަހުގެ 14 ވަނަ ދުވަހާއި 19 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން މީގެ ކުރިން ވިދާޅުވެފައިވަނީ ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުކޮށް އެހެން ކުށްތައް މަދު ކުރެވޭނީ މަސްތުވާތަކެތި ލިބުން މަދުކޮށް އޭގެ ޑިމާންޑް ވެސް ދަށްކޮށްގެން ކަމަށެވެ. އަދި މިކަމަށްޓަކައި ބޯޑަރު ބެލެހެއްޓުމުގެ ކަންކަން އިތުރަށް ވަރުގަދަކުރައްވާނެ ކަމަށާއި، ޕޯސްޓް މެދުވެރިކޮށް ގެންނަ މަސްތުވާތަކެތި ހިފެހެއްޓުމަށް ކަސްޓަމްސްގެ މުވައްޒަފުން އިތުރަށް ހޭލުންތެރިކޮށް ކޮމިޝަނަރ އޮފް ކަސްޓަމްސްއާ ގުޅިގެން މަސައްކަތްތައް ކުރައްވަމުންގެންދަވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.