ޤައުމު މިހާލަތަށް ދިޔައީ މިދިޔަ އެމްޑީޕީގެ ސަރުކާރުން އިންތިހާއަށް ފައިސާ ޗާޕުކޮށް ލޯނު ނެގުމުގެ ސަބަބުންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިހާރު ކުރިއަށް ގެންދާ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ގައުމު ވެއްޓިފައިވާ އިޤްތިޞާދީ ވަޅުގަނޑުގެ ފުންމިން އެނގެންފެށީ ސަރުކާރާއި ހަވާލުވެ، އެކަން ރަނގަޅުކުރަން މަސައްކަތްކުރަން ފެއްޓެވެމުން ކަމަށެވެ.

ޤައުމުގެ އިޤްތިޞާދީ ހާލަތު މިހާލަތަށް ދިޔައީ އެމްޑީޕީގެ ސަރުކާރުން އިންތިހާއަށް ފައިސާ ޗާޕުކޮށް، ލޯނުތައް ނެގުމުގެ ސަބަބުންކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން 800 މިލިއަން ރުފިޔާ ޗާޕްކުރިކަމަށާއި، ނަމަވެސް މި ސަރުކާރުން މަސައްކަތްކުރަމުންދަނީ ފައިސާ ޗާޕުނުކޮށް މިހާލަތުން އަރައިގަތުމަށް ކަމަށެވެ.

މިދިޔަ ސަރުކާރު ނިމުނުނުއިރު އަމިއްލަ ފަރާތްތަކަށް ދައްކަން ޖެހިފައިވާ ބިލްތައް އެތައް މިލިއަނަށް އަރާފައިވާކަމަށާއި، މިދިޔަ ސަރުކާރުން އެ ބިލުތަކަށް ފައިސާނުދީ، ކޮށްފައިވަނީ އިސްރާފުކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޯވިޑްގެ ދުވަސްވަރު ފައިސާއިން ވައްކަންކޮށް، އިސްރާފް ކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރަށް ވެސް ފަސޭހަގޮތް ފަސޭހަކަމަށާއި، ނަމަވެސް އެއީ ރައްޔިތުންނަށް އެންމެ ފައިދާހުރިގޮތް ކަމަށް ނުވާތީ މި ސަރުކާރުން މަސައްކަތް ކުރަނީ ފައިސާ ޗާޕުނުކޮށް މެނޭޖް ކުރުމަށް ކަމަށެވެ. އަދި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ވެސް ސަރުކާރުގެ މި ނިންމުމަށް މަރުޙަބާކިޔާފައިވާ ކަމަށާއި، އެ ފިޔަަވަޅަށް ތާއީދު ކުރާ ކަމަށެވެ.

ރައީސްގެ ވާހަަކަފުޅުގައި ވަނީ، ސަރުކާރުގެ ފިޔަވަޅުތަކާއި ސިޔާސަތުތަކާއެކު އަންނަ އަހަރުގެ ނޮވެމްބަރާއި ހަމައިން މިހާލަތުން އަރައިގަނެވޭނެކަމަށް އުންމީދުކުރަށްވާކަމަށް ވިދާޅުވެފައެވެ.