އިޒްރޭލާއި ލުބުނާންގެ ޙިޒުބުﷲ އާއި ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފިއެވެ.
އާދީއްތަ ދުވަހު ހެނދުނު އިޒްރާއީލުން ލުބުނާންގެ ދެކުނު ސަރަހައްދަށް ވައިގެ ހަމަލާތަކެއް ދިނުމާ ގުޅިގެން މި ހަނގުރާމައިގެ އަމަލުތައް އިތުރަށް ފުޅާވެގެން ދިޔައެވެ.
އިޒްރާއީލުގެ ޑިފެންސް ފޯސަސްއިން ބުނާ ގޮތުގައި، މި ހަމަލާތަކުގެ މަޤްސަދަކީ ހިޒްބުﷲއިން ރޭވި ބޮޑު ރޮކެޓް އަދި ޑްރޯން ހަމަލާއެއް ހުއްޓުވުމެވެ. ހިޒްބުﷲގެ އެތައް ހާސް ރޮކެޓް ލޯންޗަރެއް ނައްތާލެވުނު ކަމަށް އިޒްރާއީލުން ބުނެއެވެ. ނަމަވެސް ހިޒްބުﷲއިން ބުނާ ގޮތުގައި އެ ޖަމާއަތުން 320 ރޮކެޓާއި ޑްރޯން އާދިއްތަ ދުވަހު އިޒްރާއީލަށް ފޮުވާލިއެވެ.
މި ހަމަލާތަކުގައި ހިޒްބުﷲގެ ތިން ފައިޓަރަކު މަރުވި ކަމަށް އެ ޖަމާއަތުން ބުނެއެވެ. އަދި އިޒްރާއީލުގެ ނޭވީގެ ސިފައިންގެ މީހަކުވެސް މަރުވި ކަމަށް އިޒްރާއީލުން ބުނެއެވެ.
ޣައްޒާގައި އިޒްރާއީލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ފެށުނު ފަހުން، އިޒްރާއީލާއި ލުބުނާންގެ ބޯޑަރުގައި ވެސް ކޮންމެ ދުވަހަކު ވެސް ހަނގުރާމައިގެ އަމަލުތައް ހިނގަމުން އަންނަ ކަމަށް އިޒްރާއީލުން ބުނެއެވެ. ހިޒްބުﷲއިން ބުނާ ގޮތުގައި އެ ޖަމާއަތުން މި ގޮތަށް އަމަލުކުރަނީ ހަމާސްއަށް އެހީތެރިވުމުގެ ގޮތުންނެވެ.
އިޒްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވިދާޅުވީ އާދިއްތަ ދުވަހުގެ ހާދިސާއަކީ ވާހަކައިގެ ނިމުމެއް ނޫން ކަމަށެވެ. އަދި އިޒްރާއީލުގެ ފޮރިން މިނިސްޓަރު ވިދާޅުވީ އިޒްރާއީލުން ފުރިހަމަ ހަނގުރާމައަކަށް ދާން ބޭނުމެއް ނުވާ ކަމަށެވެ. ނަމަވެސް އެ ޤައުމުގެ ރައްޔިތުން ހިމާޔަތް ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ލުބުނާންގެ ބޮޑުވަޒީރު ނަޖީބް މީކާތީ ވިދާޅުވީ މި ހަމަނުޖެހުން ހުއްޓުވުމަށް ލުބުނާންގެ ރަހުމަތްތެރިންނާ ވާހަކަދައްކަމުންދާ ކަމަށެވެ. އަދި އިޒްރާއީލުގެ "އުދުވާން" ހުއްޓުވައި، 2006 ވަނަ އަހަރުގެ ހަނގުރާމަ ނިންމުމަށް ނެރުނު އދ. ގެ ސަލާމަތީ މަޖިލީހުގެ ޤަރާރު ތަންފީޒުކުރުމަށް އޭނާ ގޮވާލެއްވިއެވެ.
ޣައްޒާގައި އިޒްރާއީލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމައުގެ މަސައްކަތްތަކަށް ލުބުނާން ތާއީދުކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ގާޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަކީ އިޒްރާއީލާއި ލުބުނާންގެ ބޯޑަރުގައި ހިނގަމުންދާ ހަނގުރާމައިގެ އަމަލުތައް ވެސް ހުއްޓުވުމަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!