މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް ސަރުކާރުން ބާއްވާ ޖަލްސާ އޮންނާނީ ހއ. އުތީމާއި، މާލެއާއި އޮންނާނެކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ބުނެފިއެވެ.
ޤައުމީ ދުވަސް ފާހަގަކުރުމުގެ ރަސްމީ ޖަލްސާއެއް ކޮންމެ އަހަރަކުން އުތީމުގައި އޮވެއެވެ.
ދިވެހިބަހާ ބެހޭ ވުޒާރާއިން ބުނީ، މި އަހަރު ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ މާލޭގައިކަމަށެވެ. އަދި އުތީމުގައި ވެސް ޚާއްޞަ ޖަލްސާ އޮންނާނެކަމަށެވެ.
ދިވެހި ޤައުމީ ދުވަސް އެދުވަހަކަށް ނިސްބަތްވާ ރަބީޢުލްއައްވަލު މަހުގެ 1 ވަނަ ދުވަހަކީ ތިލަދުންމަތިން އުފެދުނު ޤައުމީ ބަދަލު އުތީމު މުޙައްމަދު ތަކުރުފާނު، އެޒަމާނުގެ ކަނޑުގެ "ބާޒު" ގޮތުގައި ސިފަކުރެވުނު ވަރުގަދަ ޕޯޗުގީޒުންގެ ވަކިތަކުން މި ދިވެހި އުންމަތް މިނިވަން ކުރެއްވި ދުވަހެވެ. މުޅި ރާއްޖެއަށް ޕޯޗުގީޒުންގެ ހަންފަތުރައި، އަނިޔާ ވެރިކަން އިންތިހާއަށްގޮސް، ޣައިރު ދީނަށް ދިވެހިން މަޖުބޫރުން ވައްދަމުން ދިޔަ ދިޔުން ހުއްޓުމަށް ނުކުންނެވީ ތިލަދުންމަތީ ހއ. އުތީމު ތިންބެއިން އިސްވެ ތިއްބަވައިގެންނެވެ.
އުމަށް އަލުން މިނިވަންކަން ހޯދައިދީ، ޤައުމިއްޔަތާއި، އިސްލާމްދީނާއި، ބަހާއި އަދި ސަޤާފަތުގެ ހިމާޔަތުގައި އަތްވާއި ވާރޭގައި ޕޯޗުގީޒުންގެ ގަދަފަދަ ލަސްކަރާ ދެކޮޅަށް އުތީމު ތިންބެއިން ކުރެއްވި ޖިހާދުން މި ދިވެހި ފަސްގަނޑަށް މިނިވަންކަން ލިބިގެންދިޔައީ ހިޖުރައިން 981 ވަނަ އަހަރު ރަބީޢުލްއައްވަލު މަހުގެ 1 ވަނަ ދުވަހުއެވެ. މީލާދީ ގޮތުން އެއީ 1573 ވަނަ އަހަރުގެ ޖުލައި މަހުގެ 2 ވަނަ ދުވަހެވެ.
އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު އަލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުންނަކީ މީލާދީން 1573 ން 1585 އަށް ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 981 ން 993 އަށެވެ.
އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު އަލް އަޢުޡަމް ނުވަތަ ބޮޑު ތަކުރުފާނު 11 އަހަރާއި 6 މަސްދުވަހު ރަސްކަން ކުރެއްވުމަށްފަހު، އަވަހާރަވީ 1 ރަމަޟާން 993 ހ ގައެވެ. އެއީ 18 އޮގަސްޓް 1585މ ގައެވެ. ފަސްދާނު ލެވިފައިވަނީ މާލޭ ބިހުރޯޒް ކަމަނާގެ މިސްކިތުގެ ގޯތި ތެރޭގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!