ނޭޕާލުން ޓިކްޓޮކް މަނާކޮށްފައި އޮންނަތާ 9 މަސްފަހުން ހުއްދަކޮށްފިއެވެ.
ނޭޕާލުގެ ސަރުކާރުން ބުރާސްފަތި ދުވަހު ޓިކްޓޮކް ބޭނުންކުރުން ހުއްދަކޮށްފައިވާއިރު، މި ނިންމުން ނިންމީ ކެބިނެޓް ބައްދަލުވުމެއްގައެވެ. އެއީ ޓިކްޓޮކާ ގުޅުންހުރި ކުށްތަކާ ދެކޮޅަށް ނޭޕާލުގެ ޤާނޫނު ތަންފީޒުކުރާ ފަރާތްތަކާއެކު މަސައްކަތްކުރުމަށާއި، އެޕްގެ ކޮންޓެންޓް ރެގިއުލޭޓްކުރުމަށް ޓިކްޓޮކުން އެއްބަސްވުމަށްފަހުއެވެ.
ބީޖިންގްގައި ހުންނަ ޓިކްޓޮކްގެ ޕޭރެންޓް ކުންފުނި ބައިޓްޑާންސްއިން ބުނެފައިވަނީ މި ނިންމުމާމެދު އެ ކުންފުނިން އުފާކުރާ ކަމަށެވެ.
ނޭޕާލުގެ ކުރީގެ ސަރުކާރުން ނޮވެމްބަރު މަހު ޓިކްޓޮކް ބޭނުންކުރުން މަނާކުރީ އެޕް ނަހަމަގޮތުގައި ބޭނުންކުރާކަމުގެ ކަންބޮޑުވުން އޮތުމާ ގުޅިގެންނެވެ. އޭގެ ކުރިން 4 އަހަރުގެ ތެރޭގައި ޓިކްޓޮކާ ގުޅުންހުރި 1،600 އަށްވުރެ ގިނަ ސައިބަރ ކުށުގެ މައްސަލަ ރިޕޯޓުކުރެވިފައިވެއެވެ.
ޓިކްޓޮކް މަނާކުރުމާ ގުޅިގެން އެކި ދިމަދިމާލުގައި މަގުމަތީގެ އިހުތިޖާޖުތައް ކުރިއަށްގެންދިޔައެވެ. އެޕް ބޭނުންކުރާ ފަރާތްތަކުން ބުނީ މި ބަންދުކުރުމުގެ ސަބަބުން އާމްދަނީގެ ވަސީލަތެއް ގެއްލި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުނު ކަމަށެވެ. އިންޓަނެޓް ސަރވިސް ޕްރޮވައިޑަރސް އެސޯސިއޭޝަން އޮފް ނޭޕާލްގެ މަޢުލޫމާތު ދައްކާގޮތުން، އެ ވަގުތު ނޭޕާލުގައި 2.2 މިލިއަން މީހުން ޓިކްޓޮކް ބޭނުންކުރަމުން ދިޔައެވެ.
ނޭޕާލުން ޓިކްޓޮކަށް އެދިފައިވަނީ ކުށްވެރިން ހައްޔަރުކުރުމަށާއި އެކަށީގެންނުވާ ކޮންޓެންޓް ބްލޮކްކުރުމަށް ނޭޕާލް ފުލުހުންގެ ސައިބަރ ބިއުރޯއަށް 24 ގަޑިއިރު އެހީތެރިވެދޭނެ ފޯކަލް ޔުނިޓެއް ޤާއިމުކުރުމަށެވެ.
އެ ބިއުރޯގެ ތަރުޖަމާނު ދީޕަކް ރާޖް އަވަސްތީ ރޮއިޓަރޒްއަށް ބުނެފައިވަނީ، "އެޕް ބޭނުންކުރާ ފަރާތްތައް އަވަހަށް އަދި ރިއަލް-ޓައިމްކޮށް ދެނެގަތުމަކީ ކުށްވެރިން އަތުލައިގަތުމަށާއި ޓެކްނޮލޮޖީ ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް އެހީވެދޭނެ ވަސީލަތެއް" ކަމަށެވެ.
އެހެން ބައެއް ޤައުމުތަކުން ވެސް ވަނީ ޤައުމީ ސަލާމަތާއި ޕްރައިވަސީއާ ގުޅޭ ކަންބޮޑުވުންތަކާ ހުރެ ޓިކްޓޮކް ބޭނުންކުރުން މަނާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!