ލުބުނާންގައި ތިބި ޗައިނާގެ ރައްޔިތުން އެގައުމު ދޫކޮށް ދިއުމަށް ޗައިނާ ސަރުކާރުން އަންގައިފިއެވެ.

ބެއިރޫތުގައި ހުންނަ ޗައިނާގެ އެމްބަސީން ނެރުނު ބަޔާނެއްގައި އެ ގައުމުގެ ރައްޔިތުންނަށް "ވީހާވެސް އަވަހަކަށް" ލުބުނާނުން ފުރައިގެން ދިއުމަށް އިރުޝާދު ދީފައިވެއެވެ.

Ad
rt

މި ބަޔާން ނެރުނީ ބުދަ ދުވަހު އިޒްރޭލުން ހަމަލާދީ ލުބުނާންގައި ހުރި ފަލަސްތީނުގެ އިސް ހަނގުރާމަވެރިއެއް މަރާލުމާ ގުޅިގެންނެވެ. އެމްބަސީގެ ބަޔާނުގައި ބުނެފައިވަނީ ފަހަކަށް އައިސް ލުބުނާން-އިޒްރޭލު ސަރަހައްދީ އިމުގައި ހިނގާ ހަމަނުޖެހުން ދަނީ ހޫނުވަމުން ކަމަށާއި، ލުބުނާންގެ ސަލާމަތީ ކަންކަން ވަނީ ނުރައްކާތެރި އަދި އޮޅުންބޮޅުން ބޮޑު ހާލަތެއްގައި ކަމަށެވެ.

ޗައިނާއިން ނެރުނު ބަޔާނުގައި ލުބުނާންގެ ދެކުނު ސަރަހައްދަށާއި ނަބަތިއްޔާ ސަރަހައްދަށް ދަތުރުކުރާ ފަރާތްތަކަށް ރަތް އިންޒާރު (އިންތިހާއަށް ނުރައްކާތެރި) އަދި އެހެން ސަރަހައްދުތަކަށް އޮރެންޖް އިންޒާރު (ވަރަށް ނުރައްކާތެރި) ނެރެފައިވާ ކަމަށް ބުނެފައިވެއެވެ. އަދި މިވަގުތު ލުބުނާނުން ކޮމާޝަލް ފްލައިޓްތައް އޮޕަރޭޓް ކުރާ ކަމަށާއި، މި ފުރުސަތުގެ ބޭނުން ހިފުމަށް ޗައިނާގެ ރައްޔިތުންނަށް އިރުޝާދު ދީފައިވެއެވެ.

ލުބުނާނުގައި ދިރިއުޅޭ އެހެން ބައެއް ގައުމުތަކުގެ ރައްޔިތުންނަށް ވެސް ލުބުނާން ދޫކޮށް ދިއުމަށް އެ ގައުމުތަކުގެ ސަރުކާރުތަކުން ވަނީ އަންގާފައެވެ.

މިކަން މިހެން ވެގެން ދިޔައީ އެ ސަރަހައްދުގައި އަމަން އަމާންކަން ގެއްލި، ހަމަނުޖެހުން އިތުރުވަމުން ދާތީއެވެ.