ހިމަބިހި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ އިތުރު ފަރާތެއް ފެނިއްޖެކަމަށް އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.
އެޗްޕީއޭއިން ދެންމެ ކުރެއްވި ޓުވީޓެއްގައި ވަނީ ހިމަބިހީގެ އިތުރު ކޭސްއަކާއި، ބައްޔަށް ޝައްކު ކުރެވޭ އިތުރު ފަރާތެއް ފެނިއްޖެކަމަށެވެ. އަދި ބައްޔަށް ޝައްކުކުރެވޭ ފަރާތުގެ ޓެސްޓްތައް ކުރެވެމުން ދާކަމަށެވެ.
ހިމަބިހީގެ އިތުރު ކޭސްއަކާއި، ބައްޔަށް ޝައްކު ކުރެވޭ އިތުރު ފަރާތެއް ފެނިއްޖެ.
ބައްޔަށް ޝައްކުކުރެވޭ ފަރާތުގެ ޓެސްޓްތައް ކުރެވެމުން އެބަދޭ. @MoHmv— Health Protection Agency (@HPA_MV) January 13, 2020
އެޗްޕީއޭއިން ކުރިން ވަނީ ހިމަބިހި ބަލި ފެތުރުމުގެ ފުރުސަތު އޮތް ތަންތަނާއި ވަގުތުތައް އާންމުން ހޭލުންތެރި ކުރުވުމުގެ ގޮތުން ހާމަ ކުރައްވާފައެވެ. އަދި ހިމަބިހި ޖެހުމުގެ ފުރުސަތުބޮޑީ އެ ތަންތަނަށް، އެ ވަގުތުތަކުގައި ދިޔަ ފަރާތްތަކުގެ ތެރެއިން މީސްލްސް ވެކްސިންގެ ދެ ޑޯޒް ހަމަނުކުރާ ފަރާތްތަކަށް ކަމަށް އެޗްޕީއޭއިން ހާމަކުރައްވާފައި ވެއެވެ.
އެ ތަންތަނަށް އެވަގުތުތަކުގައި ދިޔަ ފަރާތްތަކުގެ ތެރެއިން މީސްލްސް ވެކްސިންގެ ދެ ޑޯޒް ހަމަނުވާ ފަރާތްތަކުން ސަމާލުކަންދޭންވީ 2 ކަމެއްވެސް އެޗްޕީއޭއިން ވަނީ އާންމުންގެ ސަމާލުކަމަށް ގެންނަވާފައެވެ.
ހިމަބިހި ޖެހިގެން ކަމަށް ޝައްކު ކުރެވިގެން މިހާރު ފަރުވާ ދެމުން އަންނަނީ 17 އަހަރުގެ ފިރިހެން ކުއްޖަކަށް ކަމަށްވެއެވެ. އެކުއްޖާ ވަކިން ބާއްވައިގެން އައިޖީއެމްއެޗްގައި މިހާރު އަންނަނީ ފަރުވާދެމުންނެވެ. އެ ކޭސްގެ ރިޕޯޓު ލިބިފައި ވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކަމަށް އައިޖީއެމްއެޗްއިން ބުނެފައިވެއެވެ.
ހިމަބިހި ޖެހިގެން ކުރިން ފަރުވާ ހޯދި ކުއްޖާއަކީ މީސަލްސް ވެކްސިންގެ ދެޑޯޒު ފުރިހަމަ ނުކޮށް ހުރި ކުއްޖެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންވަނީބުނެފައެވެ.
އެކަމާ ގުޅިގެން އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެކުއްޖާވަނީ ނުވަ މަހުގައާއި 18 މަހުގައި ދޭންޖެހޭ މީސަލްސް ވެކްސިންގެ ދެޑޯޒު ފުރިހަމަ ނުކޮށް ކަމަށެވެ.
އެކުއްޖާއަށް އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު، ކުއްޖާގެ ހާލު ރަނގަޅުވެ، އަދި އޭނާގެ ފަރާތުން ބަލި ފެތުރޭ މުއްދަތު ފާއިތުވެފައިވާތީ އެކުއްޖާ ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ. އެކުއްޖާއަކީ އުމުރުން 3 އަހަރުގެ ކުއްޖެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!