ޖަރުމަނު އެއް ނަމްބަރު ކީޕަރު، މެނުއެލް ނޯޔާ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.

މި އަހަރު އަމިއްލަ ގައުމުގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު ޖަރުމަނު ޓީމުން މުހިންމު ގިން ކުޅުންތެރިންތައްކެއް މި ވަނީ ރިޓަޔަރ ކޮށްފައެވެ. އެ ކުޅުންތެރިންގެ ތެރޭގައި ނޯޔާގެ އިތުރުން ޓޯނީ ކްރޫސް، ތޯމަސް މުލާ، އިކާއީ ގުންޑޮގާން ފަދަ ކުޅުންތެރިން ހިމެނެއެވެ.

Ad
rt

ނޯޔާ އެންމެ ފަހުން ޖަރުމަނު ޓީމަށް ކުޅެފައި ވަނީ ޔޫރޯ 2024، ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި 2-1 އިން ސްޕެއިން އަތުން ބަލިވެ މުބާރާތުން ކެޓި މެޗެވެ.

ފާއިތުވި 15 އަހަރު ދުވަހު ޖަރުމަނު ގޯލު ބެލެހެއްޓުމުގައި މޮޅަށް ކުޅުނު ނޯޔާ ވަނީ ގައުމީ ޓީމަށް 124 މެޗު ކުޅެފައެވެ. ނޯޔާއަކީ ޖަރުމަނު ގައުމީ ޓީމަށް ފަސްވަނައަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާއެވެ. މި ލިސްޓްގެ އެއްވަނާގައި އޮތީ ޖަރުމަނު ގައުމީ ޓީމަށް 150 މެޗު ކުޅުނު ލޮތަ މެތިއުސް އެވެ.

ފާއިތުވި ފަނަރަ އަހަރުތެރޭ ނޯޔާ ވަނީ ޖަރުމަނާއިއެކު ބައިނަލްއަގުވާމީ އަށް މުބާރާތެއްގައި 39 މެޗު ކުޅެފައެވެ. އޭނާގެ އެންމެ ބޮޑު ކާމިޔާބަކީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ޖަރުމަނާއިއެކު ކާމިޔާބު ކުރުމެވެ. އެ މުބާރާތުގެ އެންމެ މޮޅު ކީޕަރަކަށް ވެސް ހޮވިފައި ވަނީ އޭނާއެވެ.

ނޯޔާ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުން ދެން އެ މަގާމު ފުރާނެކަމަށް ބެލެވެނީ ބާސެލޯނާގެ ގޯލު ބަލަހައްޓަމުން އަންނަ މާކް އަންދްރޭ ޓަ ސްޓެގެންއެވެ.