ސިޔާސީ ޕާޓީތަކަށް ދައުލަތުންދޫކުރާ ފައިސާދެނީ އީސީގެ ދަފުތަރަށް ބަލައިގެންކަމަށް އިލެކްޝަންސް ކޮމިސަން (އީސީ) އިން ބުނެފިއެވެ.
އީސީއިން ރޭ ބުނީ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ ދެނީ އީސީއިން ބަލަހައްޓަމުންދާ ދަފުތަރަށް ބަލައިގެން ކަމަށެވެ. އަދި އެކަމުގައި ޕާޓީތަކުން ބަލަހައްޓާ އެ ޕާރޓީއެއްގެ މެމްބަރޝިޕް ރަޖިސްޓަރީގެ އެއްވެސް ދައުރެއް ނެތް ކަމަށްވެސް އީސީއިން ބުނެފައިވެއެވެ.
އީސީއިން އެގޮތަށް ބުނެފައިވަނީ އާންމުންގެ ތެރޭގައި އޮޅުން އަރާގޮތަށް ބައެއް ފަރާތްތަކުން އެމައުލޫއަށް ވާހަކަ ދައްކަމުންދާތީ ކަމަށް ބެލެވެއެވެ. ސިޔާސީ ޕާޓީތައް އުފެދި ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭ ގޮތަށް ޤާނޫނު ފާސްކުރި ހިސާބުން ފެށިގެންވެސް އީސީއިން އަމަލު ކުރަމުން އައީ އެއުސޫލުންނެވެ. އީސީއިން އެއްވެސް އިރެއްގައި ޕާޓީތަކުގެ ދަފުތަރަށް ބަލައިގެން ފައިސާ ދޫކޮށްފައެއް ނުވެއެވެ.
ދައުލަތުން ފައިސާ ދޫކުރެވޭނީ ދިހަހާސް މެމްބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް ކަމަށް ޤާނޫނަށް އިސްލާހު ގެނައުމުންވެސް އީސީއިން އަމަލު ކުރަމުން އަންނަނީ އީސީގެ ދަފުތަރަށް ބަލައިގެންނެވެ.
އިލެކްޝަންސް ކޮމިސަން (އީސީ) އިން ބަލަހައްޓަމުންދާ ސިޔާސީ ޕާޓީތަކުގެ ދަފުތަރު ވަނީ ގަޑުބަޑު ކޮށްފައި ނުވާނެ ކަމަށްވެސް އިއްޔެ އީސީއިން ވަނީ ބުނެފައެވެ.
އިލެކްޝަނުން އިއްޔެ ބުނެފައިވަނީ އެކޮމިސަނުން ދަފުތަރުގައި ރަޖިސްޓަރީ ކުރަނީވެސް އަދި ދަފުތަރުން ނަމެއް އުނި ކުރަނީވެސް އެކަމަށް ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް ކަމަށެވެ.
އީސީއިން އެހެން ބުނެފައި ވަނީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ދަފުތަރުގައި، އެޕާޓީއަށް ނުވަންނަ މީހުން ހިމެނިފައިވާ ކަމަށް ސޯސަލް މީޑިއާގައި އަޑު ގަދަ ވެފައިވާ ދަނޑި ވަޅެއްގައެވެ.
އީސީއިން މިމޭރުމުން ބުނީ އެމްޑީޕީގެ ދަފުތަރުގައި، އެޕާޓީއަށް ނުވަންނަ މީހުން ހިމެނިފައިވާ ކަމަށް ބުނެ ވާހަކަދައްކާ ފަރާތްތަކުން އީސީއާއި ދިމާއަށް އިނގިލި އަމާޒު ކުރާތީ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!