ބިދޭސީންނާ ގުޅޭ ފީތައް ބަލްކްކޮށް ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައި ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ބުނެފިއެވެ.

ރާއްޖޭގައި ބިދޭސީންނަށް ވަޒީފާދޭ ފަރާތްތަކާއި ' އެކްސްޕެޓް ސިސްޓަމް' ބޭނުންކުރާ އެހެނިހެން ފަރާތްތަކާއެކު މިއަދު އެ ވުޒާރާއިން ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.

Ad
rt

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ކޯޓާ ފީ، ވަރކް ވިޒާ ފީ ހިމެނޭހެން ރާއްޖެއަށް ބިދޭސީން ގެނެސް، އެމީހުން ވަޒީފާދޭ ފަރާތްތަކުން ދިވެހި ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފީއެއް ބޮޑުކުރުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށެވެ.

މި ބައްދަލުވުމުގައި ވަޒީރު އިހްސާން ވަނީ ބިދޭސީންނާ ގުޅޭ ފީތައް ދެއްކުމަށް ސަރުކާރުން އެންގުމުން ބައެއް ފަރާތްތަކަށް ދަތިތައް ހުރިކަން ފާހަގަކުރެވޭ ކަމަށް ވިދާޅުވެފައެވެ. އަދި ދާޚިލީ ވުޒާރާއިން ޢާންމުކޮށްފައިވާ ލިސްޓުގައި ބައެއް ކުންފުނިތަކުން ދައްކަންޖެހޭ ފައިސާގެ އަދަދު މިލިޔަނުން މައްޗަށް އަރާކަން ފާހަގަކުރެއްވިއެވެ.

އިހްސާން ވިދާޅުވިގިތުގައި، ބޮޑެތި ޢަދަދުތަކުން ފީ ދައްކަން ޖެހޭ ކުންފުނިތަކުން އެއްބަސްވާނަމަ 12 މަސް ދުވަހަށް ބަހާލައިގެން ފީ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދެއްވަން ވަނީ ނިންމަވާފައެވެ.

ބިދޭސީންނާ ގުޅޭ ބައެއް ފީތައް، މަހުން މަހަށް ދެއްކުމުގެ ބަދަލުގައި ގިނަ މަސްތަކަށްވާ ފީ އެއްކޮށްލައިގެން ބަލްކްކޮށް ދެއްކޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށާއި، ބިދޭސީންނާ ގުޅޭ ފީތައް ދެއްކުމަށް އެކްސްޕެޓް ސިސްޓަމުން ބަލްކްކޮށް ފީ މިހާރު ދެއްކޭނެ ކަމަށް ވަޒީރު އިހްސާން މިއަދު ވަނީ ވިދާޅުވެފައެވެ.