ޖަރުމަނުގެ އިތުބާރު މިޑްފީލްޑަރ އިކާއީ ގުންޑޮގާން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.
ގުންޑޮގާން އަކީ މިދިޔަ ޖޫން/ޖުލައި މަހު އަމިއްލަ ގައުމުގައި ކުޅުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެ ޓީމްގެ ކެޕްޓަނެވެ. އޭނާ ވަނީ އެ މުބާރާތުގައި ޖަރުމަނުން ކުޅުނު ފަސް މެޗުގައި ވެސް ކެޕަޓަން ބޭންޑް އަޅާފައެވެ. އެ މުބާރާތުގެ ކުއާޓާ ފައިނަލުން ޖަރުމަނު ކެޓީ ސްޕެއިން އަތުން ބަލިވެގެންނެވެ.
ގުންޑޮގާން ވަނީ ގައުމީ ޓީމަށް 82 މެޗު ކުޅެ 19 ގޯލު ޖަހައިދީފައެވެ. 2016 ވަނަ އަހަރު ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑް ދޫކޮށް ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީއާއި ގުޅުނު ގޮންޑޮގާން ވަނީ އެ ކުލަބާއިއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. ސިޓީއާއިއެކު އޭނާ ވަނީ ޕްރިމިއާ ލީގު ފަސްފަހަރު، އެފްއޭ ކަޕް ދެފަހަރު، ލީގު ކަޕް ހަތަރު ފަހަރު އަދި ޗެމްޕިއަންސް ލީގު އެއްފަހަރު ކާމިޔާބު ކޮށްފައެވެ.
ފްރީ ޓްރާންސްފާއެއްގެ ދަށުން ސިޓީ ދޫކޮށް އޭނާ ސްޕެއިންގެ ބާސެލޯނާއަށް ބަދަލުވީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ. އެއް ސީޒަނަށް ފަހު ބާސާގައި އޭނާގެ ކުރިމަގާއި މެދު ވަނީ ސުވާލު އުފެދިފައެވެ. ރިޕޯޓްތައް ބުނާގޮތުން އޭނާ ވަނީ ބާސާ ދޫކޮށްލަން ނިންމާފައެވެ.
ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށް އޭނާ ސޯސަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓްގައި ބުނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާއި މެދު ވިސްނަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި، މިއީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން އެންމެ ރަނގަޅު ވަގުތުކަމަށް ނިންމައިފިން ކަމަށެވެ.
ގައުމީ ޓީމަށް 82 މެޗު ކުޅުމަކީ ހާއްސަ އުފަލަކާއި ޝަރަފެއް ލިބިގެންދާ ކަމެއްކަން ފާހަގަކޮށް ގުންޑޮގާން ބުނީ 2011 ވަނަ އަހަރު ސީނިއާ ޓީމަށް އަލަށް މެޗެއް ކުޅުނުއިރު އެ އަދަދަށް ގައުމު ތަމްސީލް ކުރުމަކީ އިމޭޖު ކުރެވިފައިވާ ކަމެއް ނޫން ކަމަށެވެ.
އަމިއްލަ ގައުމުގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކެޕްޓަނެއްގެ ގޮތުގައި ޓީމް ލީޑު ކުރުމުގެ ފުރުސަތު ލިބުމަކީ ވެސް ހާއްސަ އުފަލަކާއި ޝަރަފެއްގެ ގޮތުގައި އޭނާ ވަނީ ފާހަގަ ކޮށްފައެވެ. ނަމަވެސް އެ މުބާރާތާއި ކުރިމަތިލީއިރު ވަރުބަލިކަން ހަށިގަނޑަށާއި ވިސްނުމަށް ވެސް ކުރިމަތިވި ކަމަށާއި އެއީ ގައުމީ ޖޯޒީ ބާލަން އޭނާ ނިންމި އެއް ސަބަބެވެ.
ގުންޑޮގާން ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް ސަޕޯޓަރެއްގެ ގޮތުގައި އަބަދުވެސް ޓީމާއިއެކު ހުންނާނެ ކަމުގެ ޔަގީންކަންދީފައެވެ. އަދި ކުރިއަށް އޮތް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ޖަރުމަނު ޓީމުން ކާމިޔާބު ކުރުމަކީ އޭނާގެ އުންމީދެއް ކަމަށް ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!