މިދިޔަ ހަފުތާއިން ފެށިގެން ރާއްޖެއަށް ކުރަމުން އަންނަ ހުޅަނގު މޫސުމުގެ ވިއްސާރާގައި 13 ރަށެއްގެ 77 ގެއަކަށް ގެއްލުން ލިބިގެން އެސެސްމަންޓް ފޯމު ލިބިފައިވާކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭ އިން ބުނީ، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މިއަދުގެ 14:00 އާ ހަމައަށް 13 ރަށެއްގެ 77 ގެއަކަށް ގެއްލުން ލިބި އެސެސްމަންޓް ފޯމް އެ އޮތޯރިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ.

Ad
rt

މި ވިއްސާރާގައި 3 ރަށެއްގެ ދަނޑުބިންތަކަށް ވެސް ބޮޑެތި ގެއްލުން ލިބިގެން ރިޕޯޓުކޮށްފައިވާއިރު، މިފޯމްތަކުގެ ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް އެންޑީއެމްއޭއިން ބުނެއެވެ.

''މިވިއްސާރާގައި މާލޭގައި ފެންބޮޑުވުމުގެ ސަބަބުން އެސެސްމަންޓް ހަދަންޖެހޭކަމަށް ފާހަގަކުރެވުނު 41 ގެއެއްގެ ތެރެއިން 37 ގެއެއްގެ އެސެސްމަންޓް ވަނީ ހަދާނިމިފަ. 4 ގެއަކުން އެސެސްމަންޓް ހަދަން ބޭނުން ނުވާކަމަށް އެންގި''. އެންޑީއެމްއޭ އިން ބުނެފަވެއެވެ.

އެ އޮތޯރިޓީން ބުނީން މާލެއަށް ކުރި ވިއްސާރާގައި އިމާރާތަށާއި ހިފާ ގެންގުޅޭ ތަކެއްޗަށް -/819،549ރ ގެ ގެއްލުން ލިބިފައިވާކަމަށް ދެނެގަނެވިފައިވާ ކަމަށެވެ.

މި ވިއްސާރާގެ އަސަރު އެންމެ ބޮޑަށް ކުރި އެއް ސަރަހައްދަކީ އެންމެ އުތުރުން ހއ. އަދި ހދ. ރަށްތަކެވެ. މިގޮތުން އެ ދެ އަތޮޅުގެ ގިނަ ރަށްތަކަކަށް މި ވިއްސާރައިގެ އަސަރު ވަރަށް ބޮޑަށް ކުރިއެވެ. މިރަށްތަކުގެ ތެރެއިން ފެންބޮޑުވެގެން ބާރަށުގެ ދެގެއްގެ މީހުން އެހެން ގެއަކަށް ބަދަލުކޮށްފައިވާއިރު، ހޯރަފުށިން ވަނީ ހަ ގެއެއްގެ މީހުންވަނީ އެހެން ތާކަށް ބަދަލުކޮށްފައެވެ. އަދި ކެލާއިން ދެ ގޭގެ މީހުންނާއި، އިހަވަންދޫގެ ދެ ގޭގެ މީހުން ވެސް ވަނީ އެހެން ތަންތަަނަށް ބަދަލުކޮށްފައެވެ.