އިލެކްޝަންސް ކޮމިސަން (އީސީ) އިން ބަލަހައްޓަމުންދާ ސިޔާސީ ޕާޓީތަކުގެ ދަފުތަރު ވަނީ ގަޑުބަޑު ކޮށްފައި ނޫންކަމަށް އީސީއިން ބުނެފިއެވެ.
އިލެކްޝަނުންބުނީ އެކޮމިސަނުން ދަފުތަރިގައި ރަޖިސްޓަރީ ކުރަނީވެސް އަދި ދަފުތަރުން ނަމެއް އުނި ކިރަނީވެސް އެކަމަށް ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް ކަމަށެވެ.
އީސީއިން އެހެން ބުނީ އެކޮމިޝަނުން ކުރެއްވި ޓުވީޓެއްގައެވެ. އީސީއިން އެހެން ބުނެފައި ވަނީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ދަފުތަރުގައި، އެޕާޓީއަށް ނުވަންނަ މީހުން ހިމެނިފައިވާ ކަމަށް ސޯސަލް މީޑިއާގައި އަޑު ގަދަ ވެފައިވާ ދަނޑި ވަޅެއްގައެވެ.
އީސީއިން މިމޭރުމުން ބުނީ އެމްޑީޕީގެ ދަފުތަރުގައި، އެޕާޓީއަށް ނުވަންނަ މީހުން ހިމެނިފައިވާ ކަމަށް ބުނެ ވާހަކަދައްކާ ފަރާތްތަކުން އީސީއާއި ދިމާއަށް އިނގިލި އަމާޒު ކުރާތީ ކަމަށް ބެލެވެއެވެ.
އެމްޑީޕީ ދަފުތަރުގައި ނަން ހިމެނިފައިވާ ކަމަށްބުނެ، ކުރީގެ ދިއްދޫ ދާއިރާގެ މަޖިލިސް މެމްބަރު ލަތީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އޭނާގެ މައުލޫމާތު ވަގަށް ނަގައި އެމްޑީޕީގެ ދަފްތަރުގައި ހިމަނާފައި އޮތުމަކީ ޖިނާއީ ކުށެއް ކަމަށެވެ. އެއީ އެމްޑީޕީގެ ޕްރައިމަރީގައި ވައްކަން ކުރުމަށާއި ވޯޓު އޮޅުވާލަން ހިންގާ ޖަރީމާއެއް ކަމަށް ވެސް އޭނާ ތުހުމަތު ކުރައްވާފައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދު ﷲ ރިޔާޒުވެސް އެމްޑީޕީގެ ދަފުތަރުގައި އޮތްކަމަށް އަޑުތައްވަނީ ފެތުރިފައެވެ. ނަމަވެސް އިލެކްޝަންސްއަށް އެސްއެމްއެސްކޮށް ބެލުމުން އަބުދު ﷲ ރިޔާޒުގެ ނަން އޮތީ ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ކަމަށް ދައްކައެވެ.
މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ހަސަން މުފީދުގެ ނަން އެމްޑީޕީގެ ދަފްތަރުގައި އޮތް މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. މިގޮތުން ދުވަހަކުވެސް އެމްޑީޕީ އަށް އެބޭފުޅާ ސޮއި ކޮށްފައި ނުވާނެ ކަމަށާއި، އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ބޭނުން ކުރާ ލިސްޓުގައި އެ ބޭފުޅާގެ ނަން ހިމަނާފައިވާތީ އެމްޑީޕީގެ ލިސްޓުގެ ސަައްހަ ކަމާއި މެދު ސުވާލު އުފެދޭކަމަށް ހަސަން މުފީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިވެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!