ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ސަރުކާރަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތައް ނުދައްކާނަމަ، އެކްސްޕެޓް ސިސްޓަމުން ދެމުން ގެންދާ ހިދުމަތް މެދުކަނޑާލާނެ ކަމުގެ އިންޒާރު ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކޮނޮލޮޖީ މިނިސްޓްރީން ދީފިއެވެ.
މިކަން ހާމަކޮށް އެ މިނިސްޓްރީން މިރޭ ކުރި އިއުލާނެއްގައި ބުނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދޫކުރާ ހުއްދަތަކަށް ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާ -/100,000 ރ (އެއްލައްކަ ރުފިޔާ) އަށްވުރެ އިތުރުވާ ވަޒީފާދޭ ފަރާތްތައް މި މަހުގެ 12 ވަނަ ދުވަހުގެ ކުރިން ފައިސާ ދައްކާ ހަލާސްކުރަން އެންގިފައިވާނެ ކަމަށެވެ.
ނަމަވެސް އަދިވެސް ގިނަ ފަރާތްތަކަކުން ފީ ދައްކާފައިނުވުމާއިއެކު، މި މަހުގެ ނިޔަލަށް އެ މިނިސްޓްރީން ވަނީ ފީތައް ދައްކަން ދިން މުއްދަތު އިތުރުކޮށްދީފައެވެ.
އިތުރުކުރި މުއްދަތުގައި ފައިސާ ދައްކާ ހަލާސްނުކުރާ ފަރާތްތައް އަންނަ ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެކްސްޕެޓް ސިސްޓަމް އިން ސަސްޕެންޑް ކުރެވި ސިސްޓަމް މެދުވެރިކޮށް ދެމުން ގެންދާ ހިދުމަތްތައް މެދުކަނޑާލާނެ ކަމުގައި އެ މިނިސްޓްރީގެ އިއުލާނުގައި ވަނީ ބުނެފައެވެ.
ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ހުރިހާ ހިދުމަތެއް ރާއްޖޭގައި މިހާރު ފޯރުކޮށްދެމުން އަންނަނީ އެކްސްޕަޓް ސިސްޓަމް މެދުވެރިކޮށެވެ. އެ ސިސްޓަމް މެދުވެރިކޮށް ހުއްދަތައް އާ ކުރުމާއި ކޯޓާއަށް އެދުން ފަދަ ކަންކަން ކުރެއެވެ.
ދައުލަތަށް ނުދައްކާ ހުރި ފައިސާގެ ތެރެއިން 100،000ރ. އަށްވުރެ ގިނައިން ދައްކަން ހުރި 1،026 ކުނފުންޏެއްގެ ނަން ހޯމް ލޭންޑް ސެކުއިރިޓީ މިނިސްޓްރީން ހާމަކުރީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ. އެ ކުންފުނިތަކުގެ ތެރޭގައި ދައުލަތަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހޭ ކުންފުނިތަކުގެ އަދަދު 100 އަށް ވުރެ މައްޗަށް އަރައެވެ.
ބިދޭސީންނާ ގުޅޭ ގޮތުން ދައުލަތަށް ދައްކަން ޖެހޭ ވޯކް ޕާމިޓާއި ކޯޓާ ފީ ނުދައްކައި ޖޫރިމަނާ އަރާފައިވާ ފަރާތްތަކުގެ މައުލޫމާތު އާންމު ކުރިތާ ތިން ހަފުތާ ވީއިރު 182 މިލިއަން ރުފިޔާ ރިކަވާ ކޮށްފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނީ މީގެ ހަތަރު ދުވަސް ކުރިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!