ފްރެންޗް ލީގުގެ ފުރަތަމަ މެޗުން ލެ ހާވް އަތުން ޗެމްޕިއަން ޕީއެސްޖީން ބޮޑު މޮޅެއް ހޯދައިފިއެވެ. ރޭ ލެ ހާވްގެ ދަނޑުގައި ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބުކޮށްފައި ވަނީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ.
ސްޕެއިންގެ ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން ޕީއެސްޖީން ރަށުން ބޭރުގައި އެންމެ ފަހުން ކުޅުނު 25 މެޗުން ވެސް ބަލިވެފައި ނުވެއެވެ. މިއީ އަވޭގައި ބަލިނުވެ އެ ޓީމުން އެންމެ ގިނަ މެޗު ކުޅުނު ފަހަރެވެ.
މި މެޗުގެ ވަރަށް ކުރީކޮޅު ޕީއެސްޖީން ވަނީ ލީޑު ނަގާފައެވެ. މެޗުގެ ތިންވަނަ މިނެޓުގައި ގޮންސާލޯ ރާމޯސް ތަނަވަސް ކޮށްދިން ފުރުސަތެއްގައި މި ލަނޑު ޖަހައިދިނީ މިޑްފީލްޑަރ ލީ ކަންގ އިން އެވެ. ލެ ހާވް އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 48 ވަނަ މިނެޓުގައެވެ. މި ލަނޑު އޮޕެރީ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ލޮރިސްއެވެ.
ޕީއެސްޖީ މެޗުން މޮޅުވީ، މެޗުގެ ފަހުވަގުތު ކާމިޔާބުކުރި ލަނޑުތަކުންނެވެ. އެ ޓީމްގެ ދެވަނަ ލަނޑު 84 ވަނަ މިނެޓުގައި ޑެމްބެލޭ ޖެހީ ނެވޭސްގެ އެހީތެރިކަމާއި އެކުއެވެ. އޭގެ ދެ މިނެޓް ފަހުން ބާކޯލާ ވަނީ އެ ޓީމަށް ތިންވަނަ ލަނޑު ޖަހައިދީފައެވެ. މެޗުގެ ހަތަރުވަނަ ލަނޑު 90 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީން ޖަހައިދިނީ ކޯލޯ މުއާނީއެވެ.
ލީގުގައި ޕީއެސްޖީ ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ މޮންޓްޕެލިއާ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!