އިނގިރޭސި ޕްރިމިއާ ލީގުގެ އައު ސީޒަންގެ ކުޅުން މިރޭ ފަށާއިރު، މެންޗެސްޓާ ޔުނައިޓެޑް އޮތީ ތައްޔާރަށް ނޫންކަމަށް ބުނެ، އެ ޓީމްގެ ކޯޗް އެރިކް ޓެން ހާގް ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިރޭ ރާއްޖެ ގަޑިން 00:00 ގައި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި މެންޗެސްޓާ ޔުނައިޓެޑް އަމިއްލަ ދަނޑުގައި ނުކުންނާނީ ފުލަމްއާއި ދެކޮޅަށެވެ
ޔުނައިޓެޑް އައު ސީޒަނާއި ކުރިމަތިލާއިރު އަނިޔާގެ މައްސަލަތައް ގިނައެވެ. އަލަށް ގުޅުނު ޑިފެންޑަރ ޔޯރޯއާއި ލުކާ ޝޯއާއި ޑިފެންޑަރ މަލާސިއާގެ އިތުރުން ފޯވާޑް ރަސްމުސް ހުއިލަންޑް ހުރީ އަނިޔާގައެވެ. ބަޔާން މިއުނިކުން އަލަށް އެ ޓީމާއި ގުޅުނު ނެޑަލެނޑްސްގެ ޑިފެންޑަރ މަތިއަސް ޑިލިޓް އަދި މަޒްރައޮއީ ޓީމުގެ ފަރިތަކުރުންތަކަށް ނުކުންނަށް ފެށީ އިއްޔެއެވެ. މިރޭ ފުރަތަމަ މެޗަށް ޓީމް ނުކުންނައިރު އެ ކުޅުންތެރިންނަށް ޓީމާއިއެކު ފަރިތަކުރަން އެކަށީގެންވާ ވަގުތު ނުލިބެއެވެ.
މީޑިއާއާއި ވާހަކަ ދައްކަމުން ޓެންހާގް ބުނީ ލީގު ފަށާއިރު ޓީމް އޮތީ ތައްޔާރަށް ނޫން ކަމަށެވެ. މިއީ ހަގީގަތް ކަމަށާއި، ހަގީގަތް ފޮރުވަން ބޭނުންނުވާ ކަމަށެވެ. އަދި މި ހާލަތާއި ކުރިމަތިލާން ތައްޔާރުކަމަށެވެ.
އިނގިރޭސި ފުޓްބޯޅަ ސީޒަން ފެށުމަށް ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި ޔުނައިޓެޑް ބަލިވީ ޕެނަލްޓީ ޖަހައިގެން ވާދަވެރި މެންޗެސްޓާ ސިޓީގެ އަތުންނެވެ. އެ މެޗުގައި ޔުނައިޓެޑުން ވަނީ އުންމީދީ ކުޅުމުއް ދައްކާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!